ތެހެރާން (ޖެނުއަރީ 23): ބޯއިންއިން 1962 ވަނަ އަހަރު ތައާރަފު ކުރި 727 މަރުކާގެ ބޯޓެއް ފަސިންޖަރުން އުފުލުމަށް އެންމެ ފަހުން ބޭނުން ކުރަމުން އައީ އީރާނުގެ އާސްމާން އެއާލައިނުންނެވެ. ނަމަވެސް މި މަހު އެއެއާލައިނުން ވަނީ ބޯއިން 727ގެ އެންމެ ފަހު ދަތުރު ނިންމާލައިފަ އެވެ.

އެއާ އެކު ބޯއިން 727 މަރުކާގެ ބޯޓުތަކުން ފަސިންޖަރުން އުފުލުން ވަނީ ނިމުމަކަށް އައިސްފަ އެވެ. ނަމަވެސް އެމަރުކާރުގެ ބޯޓުތައް ކާގޯ އުފުލުމަށާއި އެހެނިހެން ކަންކަމަށް އަދި ވެސް ބޭނުން ކުރާނެ ކަމަށް އޭވިއޭޝަނާ ގުޅުން ހުރި މައުލޫމާތު ގެނެސްދޭ ވެބްސައިޓު، ފްލައިޓްގްލޯބަލްގައި އިސްކޮށް ހުންނަވާ މާޑޯ މޮރިސަން ވިދާޅުވި އެވެ.

ތިން އިންޖީނު ހުންނަ ބޯއިން 727އަކީ ކުދި އަދި މެދު ރާސްތާ ދަތުރުތަކަށް ހާއްސަކޮށް އަދި ކުދި ރަންވޭތަކުގައި ޖެއްސޭ ގޮތަށް ހަދާފައިވާ ޑިޒައިނެކެވެ.

އާސްމާން އެއާލައިނުން ބޭނުންކުރާ ބޯއިން 727-200ގެ އެންމެ ފަހު ދަތުރުކޮށްފައި ވަނީ އީރާނުގެ ޒާހިދާން އިން ވެރިރަށް ތެހެރާނަށެވެ. އެއީ އެބޯޓު ބޭނުން ކުރާތާ 38 އަހަރު ފަހުންނެވެ.

ފްލައިޓްގްލޯބަލްގައިވާ ގޮތުން ބޯއިންއިން އެންމެ ފުރަތަމަ ނިންމީ ބޯއިން 727 މަރުކާގެ 250 ބޯޓު އުފައްދާށެވެ. ނަމަވެސް އެބޯޓު ހީކުރި ވަރަށް ވުރެ މަގުބޫލުވެ، އެއްހާހަށް ވުރެ ގިނަ ބޯޓު ވިކުނު ފުރަތަމަ ކޮމާޝަލް ޖެޓަށް ބޯއިން 727ވި އެވެ.

ނަމަވެސް 1980އިގެ އަހަރުތަކަށް ފަހު، ބޯއިން 727ގެ މަގުބޫލުކަން ދަށްވި އެވެ. އަދި 1990ގެ އަހަރުތަކުގައި ގިނަ އެއާލައިންތަކުން ބޯއިން 727 ބޭނުން ކުރުން ހުއްޓާލަން ފެށި އެވެ.

ބޯއިން 727އަކީ އެކުންފުންޏަށް ބޮޑު ކާމިޔާބީއަކަށްވުމުގެ އިތުރުން ވައިގެ ދަތުރުފުރާ ގުޅުން ހުރި އެންމެ ހައިރާން ކުރުވުނަވި އެއް ހާދިސާއާ ގުޅުން ހުރި ޑިޒައިނެކެވެ.

އެގޮތުން 1971 ވަނަ އަހަރު، ޑީބީ ކޫޕާ ކިޔާ މީހަކު އެމެރިކާގައި ފްލައިޓެއް ހައިޖެކް ކުރުމަށް ފަހު، 200،000 ޑޮލަރާ އެކު ޕެރެޝޫޓެއް އަޅައިގެން ފްލައިޓުން ފުއްމާލި އެވެ. އެފްލައިޓަކީ ބޯއިން 727 މަރުކާގެ ބޯޓެކެވެ.

އެހާދިސާއަށް ފަހު ޑީބީ ކޫޕާއަށްވީ ގޮތެއް އަދިވެސް އެނގިފައި ނުވެ އެވެ. އަދި 2016 ވަނަ އަހަރު އެފްބީއައިއިން ވަނީ އެހާދިސާ ތަހުގީގު ކުރުން ނިންމާލައިފަ އެވެ.