23 Jan 2019, 12:00
ހެލްތު މިނިސްޓްރީގެ ހެލްތު ރެކްރިއޭޝަން ކްލަބް އަދި މޯލްޑިވްސް ބްލަޑް ސާވިސް ޖަމިއްޔާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭޕްމެއް ފަށައިފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ފެށި އެ ކޭމްޕް އިފްތިތާހްކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ. އޭނާ ވަނީ އެ ކޭމްޕްގައި ލޭ ހަދިޔާ ކުރައްވައިފައެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ކޭމްޕް މިއަދު ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށްގެންދާނެ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަދު އެ މިނިސްޓްރީން އެ ކޭމްޕް ފެށި ނަމަވެސް، އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެހެނިހެން މިނިސްޓްރީތަކުންވެސް އެކި ޖަމިއްޔާތަކާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕްތައް ބާއްވަން ފެށުން ކަމަށެވެ.
ހެލްތު މިނިސްޓްރީން މިއަދު ފެށި ލޭ ހަދިޔާކުރުމުގެ ކޭމްޕްގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ލޭ ހަދިޔާކުރުމަކީ އިންސާނިއްތަށް ކޮށްދެވޭނެ އެންމެ ބޮޑު އެހީތެރިކަން ކަމަށެވެ. އަދި ވިދާޅުވީ މީހެއްގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުންވެސް އަޅުގަނޑުމެންނަށް ދެވޭނެ އެންމެ ބޮޑު ސަދަގާތަކީ ލޭ ހަދިޔާކުރުން ކަމަށެވެ.
"ސަރުކާރުގެ އެކި އެކި އިދާރާތަކާ މުވައްސަސާތަކުގައި މަސައްކަތްކުރައްވަ ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސްކޮށްލަން ބޭނުންވަނީ ލޭ ހަދިޔާ ކުރުމުގައި އިސްނަންގަވާށޭ. ލޭ ހަދިޔާ ކުރުމަކީ އަޅުގަނޑުމެންގެ ގައުމުގެ ހުރިހާ ރައްޔިތުންގެ ދުޅަހެޔޮކަމާ ސަލާމަތަށްޓަކައި އަޅުގަނޑުމެންނަށް ވެވޭ ސޮދަގާތެކޭ. އެހީތެރިކަމެކޭ." މިނިސްޓަރު ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ފެށި ލޭ ހަދިޔާކުރުމުގެ ކޭމްޕްގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ
މިނިސްޓަރު ވިދާޅުވީ ލޭ ނުލިބިގެން ބައެއް ފަހަރު އުޅޭ ތަން ފެންނަ ކަމަށާއި އެހެންނަމަވެސް އޭގެ އުނދަގުލާއި ތަކުލީފު އެނގެނީ އަޅުގަނޑުމެންގެ މީހެއްގެ އާއިލާއަށް އެކަހަލަ ހާލަތެއް މެދުވެރިގެން އުޅެންޖެހޭ ހާލަތްތަކުގައި ކަމަށެވެ. އެހެންކަމުން ލޭ ހަދިޔާކުރުމަކީ އަޅުގަނޑުމެންގެ އާދަކާދައިގެ ކަމެއްގެ ގޮތުގައި ހައްދަވައި އަހަރުގެ ކޮންމެވެސް ހިސާބެއްގައި ލޭ ހަދިޔާ ކުރުން އެޖެންޑާގައި ހިމެނުން މުހިންމު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.