ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާ އަށް ފުރާ ވަޑައިގެންފި އެވެ.

މި ދަތުރުފުޅަކީ އެއް ހަފްތާގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ. އެމްއެންޑީއެފް އިން މިއަދު ބުނީ މިނިސްޓަރާއި ޗީފް އޮފް ޑިފެންސްގެ މި ދަތުރުފުޅުގައި ދެގައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިނިސްޓަރު މާރިޔާގެ މި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ އަސްކަރީ ގުޅުމުގެ ތެރެއިން ރާއްޖޭގައި ހަރުކުރުމަށް އިންޑިއާ ސަރުކާރުން ހުށަހަޅާފައިވާ ކޯސްޓަލް ރާޑާ ސަވައިލަންސް ސިސްޓަމް (ސީއެސްއާރުއެސް) ހަރުކުރުމާ ގުޅޭ ގޮތުން މިނިސްޓަރަށް ހުށަހަޅުއްވާނެ އެވެ. މިއި 2016 ވަނަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރި އަސްކަރީ ގުޅުމުގެ އެއްބަސްވުމުގެ ދަށުން ހަރުކުރާ ރާޑަރު ސިސްޓަމްތަކެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

މާރިޔާގެ ދަތުރުފުޅުގައި، ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިޔުޓީ ޑައިރެކްޓަރު ޖެނެރަލް ކާނަލް އަބްދުލްމަތީން އަހުމަދާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ބައިވެރިވެރިވެވަޑައިގަންނަވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.