ޑާކްރެއިން އެންޓަޓެއިންމަންޓްއިން މިއަހަރު ފުރަތަމަ ގެނެސްދޭ ފިލްމަކީ ކްރައިމް ތްރިލާ "ގޮށްރާޅު"އެވެ. ފިލްމުގެ ދެވަނަ ޓްރެއިލާ މިދިޔަ އަންގާރަ ދުވަހު ބެލުންތެރިންނަށް ދައްކާލިއިރު ޓްރެއިލާގެ ވަރުގަދަ ވާހަކަ ކޮންމެ މީޑިއާއެއްގެ ވެސް ސުރުހީއަށް ވަނީ އަރާފައެވެ.

ގައިން ހީބިހި ނަގާ ގިނަ މަންޒަރުތައް ޓްރެއިލާ ފެނުނުއިރު އެ ބަލަން ވެސް އިންނަންޖެހުނީ "ސީޓުގައި ހިފަހައްޓާލައިގެން" ނޭވާ ވެސް ހިފަހައްޓާލައިގެންނެވެ. ފިލްމު އޮލިމްޕަހުގައި ބަލަންއިންނައިރު އިންނާނެ ގޮތް ހިތަށް އަރުވާލާކަށް ވެސް ނޭނގެއެވެ.

މޫމިން ފުއާދުގެ ވާހަކައެއް

ގޮށްރާޅު އަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ ސްކްރީން ރައިޓަރު މޫމިން ފުއާދުގެ ވާހަކައަކަށް ތައްޔާރުކުރާ ފިލްމެކެވެ. "ހެޕި ބާތް ޑޭ" އަށްފަހު ލިޔުނުއިރު މި ވާހަކައިގެ ބޮޑު މަންޒަރު ފެންނާނީ މިއަންނަ މަހު ރިލީޒްކުރާ "ގޮށްރާޅު" އިންނެވެ. ބޮޑު ރާޅު ބިންދާލާނީ މި ފިލްމުނެވެ. މޫމިންގެ ކޮންމެ ވާހަކައަކީ ވެސް ތަފާތު ޝައުގުވެރި ވާހަކައެވެ. އޭނާ ތައްޔާރުކުރާ ސްކްރީންޕްލޭ ތަކަކީ ބެލުންތެރިންގެ މެދުގައި ބޮޑު "ހިޓް"އެކެވެ.

ފިލްމުގެ ޕޯސްޓަރެއް--- ފޮޓޯ/ ޑާކްރެއިން

އެކަން 2011 ވަނަ އަހަރު ގެނެސްދިން ފިލްމު "ލޫދިފާ"އިން ވެސް ހާމަވެއެވެ. މިއަދާ ހަމައަށްވެސް އެ ފިލްމުގެ މަޝްހޫރުކަން އެގޮތުގައި ވަނީ ދެމިގެން ގޮސްފައެވެ. 2016 ވަނަ އަހަރު ބޭއްވި ފިލްމު އެވޯޑްސްގައި އެ ފިލްމު އެންމެ މޮޅު ފީޗަރ ފިލްމަށް ވަނީ ހޮވިފައެވެ. ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. "ގޮށްރާޅު" މާސްޓަޕީސް އަކަށް ހެދުމަށް މޫމިން މަސައްކަތްކުރާނެ ކަން ގައިމެވެ.

ސިނެމޮޓޮގްރަފީ/ ޑައިރެކްޓަރަކީ ޝިނާން

"ގޮށްރާޅު"އަކީ އަހުމަދު ޝިނާންގެ ފުރަތަމަ ސޯލޯއެވެ. ޝިނާންގެ ހުނަރުވެރިކަން އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ 2016 ވަނަ އަހަރު ނުކުތް ފާތިމަތު ނަހުލާގެ ފިލްމު "4426" އިންނެވެ. ފިލްމު "4426"ގެ ވިޝުއަލް އިފެކްޓްސް "ސަޅި" ވާހަކައަކީ މިއަދުވެސް ބެލުންތެރިން ދައްކާ ވާހަކައެކެވެ. އެ ފިލްމުގެ ވިޝުއަލް އިފެކްޓްސްގެ މަސައްކަތް ޝިނާން ފުރިހަމަކަމާއެކީ ނިންމާލިއިރު "ގޮށްރާޅު" އަކީ އޭނާގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ. އޭނާގެ ޑައިރެކްޝަންގެ ދަށުން މި ފިލްމު ތައްޔާރުކުރި އިރު މި ފިލްމުން އެ ތަފާތު ދައްކާނެއެވެ. މުޅިން އާ ޖޯންރާއަކަށް ފިލްމު ތައްޔާރުކުރާއިރު ބައެއް ގޮންޖެހުންތައް ވެސް ހުންނާނެކަން ޔަގީނެވެ. ޝިނާން "ސަން" އަށް ބުނީ ފިލްމު އުފެއްދުމަކީ އުނދަގޫ ކަމެއްކަމަށާއި އެ ކަމަށް ގިނަ ގޮންޖެހުން ކުރިމަތިވާ ކަމަށެވެ.

ފިލްމުގެ ޕޯސްޓަރެއް--- ފޮޓޯ/ ޑާކްރެއިން

"ތަފާތު މިޒާޖުގެ މީހުންނާ އެކު އެންމެން ހިތްހަމަޖެހޭ ގޮތަށް މަސައްކަތްކުރުމަކީ ވެސް ވަރަށް ބޮޑު ގޮންޖެހުމެއް. އަދި ކާސްޓުގައި އާ ތަރިން ހިމެނުމަކީ ވެސް ބޮޑު ގޮންޖެހުމެއް. މި ހުރިހާ ކަމަކާއެކު ފިލްމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ނިންމާލީ،"

ޝިނާން ބުނީ ކޮންމެ ތަރިއެއްގެ ވެސް އެންމެ މޮޅު ހުށައެޅުން ދެއްކުމަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށާއި އެކަން ހާސިލް ވެސްވި ކަމަށެވެ. "އެއް މަސް ދުވަހުގެ ތަމްރީނުތަކެއް ދިނިން،'

އުންމީދުކުރި ވަރަށް ވުރެ ވެސް ބޮޑަށް ތަރިންގެ އެކްޓިންނާ މެދު ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

ޕްރޮޑިއުސަރުގެ ބަސް

"ގޮށްރާޅު"ގެ ތަރިންނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމަކީ ގިނަ އަދަދެއްގެ އާ ތަރިން ފެންނާނެ ފިލްމެއްކަމަށާއި ތަފާތު އެކްޓިންއެއް ދައްކާލުމަށް އާ ތަރިން ނެގީ ކަމަށެވެ. މި ފިލްމަކީ ދިވެހި ސިނަމާ މުޅިން އަލަށް ތަޖުރިބާކުރާނެ ކަހަލަ ޖޯންރާއެއްގެ ފިލްމެކެވެ. ފިލްމު ބަލަމުން އަންނައިރު ފޫހިވާ ވަރުގެ އެއްވެސް މަންޒަރެއް ނުހުންނާނެ ކަމަށާއި ކޮންމެ މަންޒަރެއްވެސް ވެގެންދާނީ ޝައުގުވެރި، ނޭވާ ހިފަހައްޓާލަންޖެހޭ ފިލްމަކަށެވެ.

"ގޮށްރާޅު' ގެ ޕޯސްޓަރެއް...

"ކޮންމެ މަންޒަރަކީ ވެސް ޝައުގުވެރި މަންޒަރެއް. ފިލްމު ބަލަމުންދާ ގަޑީ ތިބެންޖެހޭނީ ސީޓުގައި ހިފަހައްޓާލައިގެން. ބެލުންތެރިން މާޔޫސްނުވާފަދަ މޮޅު ފިލްމަކަށް މި ފިލްމު ވާނީ،"

ޑާކްރެއިންގެ މޭސްތިރިއެއް ކަމަށްވާ އަލީ ޝިފާއު (ޗިއްޕެ) ބުނީ ފިލްމަކީ މޮޅު ފިލްމެއްކަމަށާއި ތަރިންގެ އެކްޓިން ވެސް ވަރަށް ފުރިހަމަ ކަމަށެވެ. އެއްވެސް ކުއްޖަކީ އާ ކުއްޖެކޭ ހިތަށް ނާރާ ވަރަށް އެކުދިންގެ މަސައްކަތް ފިލްމުން ފެންނާނެކަމަށް ވެސް އޭނާ ބުންޏެވެ.

ތަރިންގެ ބަސް

"ގޮށްރާޅު" އަކީ ގިނަ އަދަދެއްގެ އާ ތަރިން ފެންނާނެ ފިލްމެކެވެ. އޭގެ ތެރޭގައި ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ އަދި އަޒާން ހިމެނެއެވެ. މީގެ ކުރިން އަޒާން ޑާކްރެއިން ފިލްމުތަކުން ކުދި ރޯލުތަކުން ފެނިގެން ދިޔައެވެ. މިތަރިން ތިބީ ފިލްމަށް ވަރަށް ބޮޑަށް އުންމީދުކޮށްގެންނެވެ. އަލަތު ފިލްމަށް ވުމުން ބެލުންތެރިންގެ ކޮމަންޓް އަކީ ކޮބައިތޯ ބެލުމަށް ކެތްމަދުވެފައެވެ. ހުރިހާ ތަރިން ވެސް ބުނަނީ އެއްވާހަކައެކެވެ. "އާ ތަރިންނެކޭ ކިޔާފައި އެންމެ ތަންކޮޅެއް ވެސް ދޫނުކުރާނެ" ވާހަކަ އެވެ.

ފުރަތަމަ ފިލްމު ކަމުން މަންޒަރުތަކަށް ވަންނަން ކުޑަކޮށް އުނދަގޫވި ނަމަވެސް ޓީމުގެ އެހީ އާ އެކު އެ މަންޒަރުތައް ވެސް އެންމެ ފުރިހަމައަށް ނަގާލީއެވެ.

"އައުޓްޑޯ މަންޒަރުތައް ނަގަން ފުދޭވަރަކަށް އުނދަގޫވި. އަނެއްހެން އޯކޭ،" ރަޝްފާ ބުންޏެވެ.

"އަސްލު ވަރަށް އުނދަގޫވި. އެކަމަކު ޝިނާން އާއި ޓީމުގެ މަސައްކަތުން މިކަން މިކުރެވުނީ،" ޒަކިއްޓެއ ބުންޏެވެ.

އެންމެ ފަހުން ބޭއްވި ފިލްމު އެވޯޑްސްގައި މޮޅު ބަތަލުގެ އެވޯޑު ހޯދި ޖުމައްޔިލް ނިމާލު ބުނީ މި ފިލްމަކީ އެހެން ފިލްމުތަކުގައި ފެންނަ ފެނުމާ މުޅިން ހިލާފަށް ފެންނާނެ ފިލްމެއް ކަމަށާއި ފިލްމުގެ ރޯލުވެސް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. "އާ ކުދިންނާ އެކު މަސައްކަތްކޮށްލަން ލިބުނީމަ އުފާވޭ، އެއްވެސް ކުއްޖަކާ އެއްކޮށް ދައްޗެއް ނޫން މަސައްކަތްކުރާކަށް،"

ގޮށްރާޅުގެ ޕޯސްޓަރެއް---

މި ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނެ ބައެއް ތަރިންނަކީ ނާޝިދު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

އެ ފިލްމަކީ ޒުވާނުންގެ އިތުރުން ހުރިހާ ބޭފުޅުންނަށްވެސް ބަލާލެވޭނެ ވަރުގަދަ ފިލްމެކެވެ.

ފިލްމުގެ ޓީމުން ތިބީ ކުރެވުނު މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހިފައެވެ. އަބަދު އެއް ތަރިންތަކެއް ފެންނަނީ ކީއްވެތޯ ބެލުންތެރިން ކުރާ ސުވާލަށް "ގޮށްރާޅު" ދިން ޖަވާބު ސަޅިއެވެ.

https://www.facebook.com/mogerdre/videos/2449341461760668/

ފިލްމު ބަލާލަން ތައްޔާރުވާށެވެ. ފިލްމުގައި ހުރި ފުރިހަމަކަމެއް ވެސް އެނގޭނީ އޭރުންނެވެ. ޑާކްރެއިންއިން ތިބީ އަންނަ މަހު ހަތަރު ވަނަ ދުވަހު އޮލިމްޕަހަށް "ގޮށްރާޅު" ބިންދާލަން ތައްޔާރަށެވެ. ބެލުންތެރިން ފިލްމު ބަލާލަން ދާން އަވަހަށް ތައްޔާރު ވާށެވެ.