ރެއާލް މެޑްރިޑުގެ ޕޯޗުގަލް ތަރި އާއި އެއް ފެންވަރެއްގައި އެސްޓަން ވިލާގެ އިނގިރޭސި ފޯވާޑް ގެބްރިއަލް އަގްބޮންލަހަރު ކުޅެމުން އަންނަ ކަމަށް އެކުލަބުގެ ކެޕްޓަން ސްޓިލިޔާން ޕެޓްރޯވް ބުނެފިއެވެ.

އެސްޓަން ވިލާ އާއި އަލަށް ހަވާލުވި ކޯޗު އެލެކްސް މެކްލީޝްގެ އިރުޝާދުގެ ދަށުން އަގްބޮންލަހަރު ދަނީ މޮޅު ކުޅުމެއް ދައްކަމުން ނެވެ. އެގޮތުން މިސީޒަނުގައި އަގްބޮންލަހަރު ވަނީ ޕްރެމިއާ ލީގުގައި ކުޅުނު ހަތް މެޗުން ހަތަރު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

މިސީޒަނުގައި އަގްބޮންލަހަރު އެންމެ މޮޅު ކުޅުމެއް ދެއްކި އެއް މެޗަކަށް ވެފައިވަނީ މިމަހު އެއްވަނަ ދުވަހު ވިގަން އާއި ދެކޮޅަށް ކުޅެ 2-0 ލަނޑުން އެސްޓަން ވިލާ މޮޅުވި މެޗެވެ. އެމެޗުގައި އަގްބޮންލަހަރު ވަނީ ދެލަނޑު ކާމިޔާބު ކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. ނަމަވެސް އަންނަ ހުކުރު ދުވަހު މޮންޓެނީގްރޯ އާއި ދެކޮޅަށް އިނގިރޭސި ގައުމީ ޓީމު ކުޅޭ މެޗަށް ނަގާފައިވާ 24 ކުޅުންތެރިންގެ ސްކޮޑުގައި އަގްބޮންލަހަރު ހިމެނިފައެއް ނުވެއެވެ.

އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑުގައި އަގްބޮންލަހަރު ނުހިމެނުނު ނަމަވެސް ކުރިއަށް މަހެއްހާ ދުވަސް ތެރޭ އޭނާ ހިމެނޭނެ ކަމަށް ޕެޓްރޯވް ގަބޫލުކުރެއެވެ.
"ކްރިސްޓިއާނޯ ރޮނާލްޑޯގެ މޮޅު ކަމުގެ ވާހަކަ މީހުން ދައްކަމުންދޭ. އަގްބޮންލަހަރު އަށް ބަލައިލިއަސް ފެންނާނީ ހަމަ ރޮނާލްޑޯގެ ކިބައިގައި ހުންނަ ހުނަރުތައް. އެހެން ކަމުން އަގްބޮންލަހަރު ކުޅެނީ ރޮނާލްޑޯ އާއި އެއް ފެންވަރެއްގައި ކަމަށް ބުނެވިދާނެ." ޕެޓްރޯވް ބުންޏެވެ. "އަހަރެން އަބަދުވެސް އަގްބޮންލަހަރު ކައިރީ ބުނަމުން އަންނަން ހަގީގަތުގައި އޭނާގެ ހުނަރުތަކުގެ ފުރިހަމަ ކަން ފާހަގައެއް ނުވެއޭ. ޕްރެމިއާ ލީގުގައި އަގްބޮންލަހަރު ވިދާލާނެ. އޭނާގެ ކިބާގައި ހިތްވަރާއި، އަވަސް ކުޅުމުގެ އިތުރުން ގޯލު ޖެހުމުގެ ހުނަރުވެސް އެބަހުރި. ވިގަން އާއި ދެކޮޅަށް އޭނާ ދެއްކީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް." ޕެޓްރޯވް ބުންޏެވެ.
އުމުރުން 24 އަހަރުގެ އަގްބޮންލަހަރުގެ ފުޓުބޯޅަ ކެރިޔަރު ފެށިފައިވަނީ ވެސް އެސްޓަން ވިލާއިން ނެވެ. 1994 ވަނަ އަހަރުން ފެށިގެން އެސްޓަން ވިލާގެ ޒުވާން ޓީމުން ފެނިގެންދިޔަ އަގްބޮންލަހަރުގެ ދެއްކި މޮޅު ކުޅުމުގެ ސަބަބުން 2005 ވަނަ އަހަރުން ފެށިގެން ކުޅެމުން އައީ ސީނިއާ ޓީމުން ނެވެ.