ވަރަށް ކުރީޒަމާނެއްގެ ސީނު ތަށިތަކެއް ފ. ދަރަނބޫދޫއިން މިއަދު ފެނިއްޖެއެވެ.

އެރަށު ކައުންސިލުގެ ޑިރެކްޓަރު އަބްދުލްހަމީދު އާދަމް "ސަން"އަށް ވިދާޅުވީ ރަށުގެ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމްކޮށްފައިވާ ދެ ވޮލީކޯޓު ދޭތެރެއިން މިއަދު ފެނިފައިވަނީ ސީނު ތައްޓޭ މިކިޔާ ބާވަތުގެ ފަސް ތަށި ކަމަށެވެ. އެތަކެތި ހުރީ އެއް ވަޅެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. ފެނުނު ތަކެތީގެ ތެރޭގައި ހިމެނެނީ އި ތިން ބޯތައްޓައި އާދައިގެ ފަސް ތައްޓެވެ.

އެތަކެތި ފެނުނު ސަރަހައްދަކީ މީގެ އައްޑިހަ ވަރަކަށް އަހަރު ކުރިން މީހުން ދިރިއުޅުނު ސަރަހައްދެއް ކަމަށާއި ތަށިތައް ފެނުނު ސަރަހައްދަކީ ކުރިން ގަނޑުވަރުގެ ކިޔާ ގެއެއް ހުރި ސަރަހައްދު ކަމަށް އޭނާ ވިދާޅުވިއެވެ.

ފ. ދަރަނބޫދޫއިން މިއަދު ފެނުނު ސީނުތަށިތައް -- ފޮޓޯ/ ދަރަނބޫދޫ ކައުންސިލް

ތަށިތައް ފެނިފައިވަނީ ކުރިން އެސަރައްދުގައި ދިރިއުޅުނު ގަނޑުވަރުގޭގެ ވެރިފަރާތް ކަމުގައިވާ އަހުމަދު މުހްއްމަދު (ދިގުގޭ އަހަންމަދު)ގެ ދަރިއެއް ކަމަށްވާ ދަރަނބޫދޫ ކައުންސިލްގެ ސެކިއުރިޓީ އޮފިސަރެއްކަމުގައިވާ ހަލީމާ އަހުމަދަށެވެ. ތަށިތައް ފެނުނީ އެސަރަޙައްދުގައިހުރި ވިނަތަކެއް ނޮޅައިސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.

ދަރަނބޫދޫއިން ކުރީގެ ސީނުތަށިތަކެއް ފެނުނު ސަރަހައްދު -- ފޮޓޯ/ ދަރަނބޫދޫ ކައުންސިލް

ހަމީދު ވިދާޅުވީ ތަށިތައް ފެނުނު އިރު ބައެއް ތަށިތައް ތެޅިފައިވާ ކަމަށެވެ. މިހާރު މިތަށިތައް ދަރަނބޫދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ހަލާކުވެފައި ހުރި ތަށިތައްކައުންސިލުގެ ބެލުމުގެ ދަށުން ހަދައި، އެތަކެތި ކައުންސިލްގެ ބެލުމުގެ ދަށުގައި ބަހައްޓާނެ ކަމަށެވެ.

މީގެކުރިންވެސް ކުރީ ޒަމާނުގައި ދިވެހިން ގެންގުޅުނު ބައެއް ތަކެތި ވަޅުލާފައި ހުއްޓާ ދަރަނބޫދޫއިން ފެނިފައިވެއެވެ. ހަމީދު ވިދާޅުވީ މިހާރު އެރަށުގައި ހުރި ސްކޫލު އިމާރާތްކުރުމުގެ ތެރޭގައިވެސް ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ.