23 Jan 2019, 10:05
ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޔުސެއިން ބޮލްޓު ކުރު މުއްދަތަކަށް ނަމަވެސް ފުޓްބޯޅައިގެ ހަޔާތް ނިމުމަކަށް ގެނެސްފި އެވެ.
ޖަމައިކާއަށް އުފަން 32 އަހަރުގެ ޔުސައިން ބޮލްޓު ވަނީ އޮސްޓުރޭލިއާގެ ސެންޓުރަލް ކޯސްޓް މެރިނާސްއާ އެކު ދެ މަސް ދުވަހުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. ނަމަވެސް ވޭތުވެ ދިޔަ ނޮވެމްބަރުގައި ބޮލްޓް ވަނީ އެ ޓީމު ދޫކޮށް ގޮސްފަ އެވެ. ސަބަބަކީ ބޮލްޓު އެ ޓީމުގައި ބެހެއްޓުމަށް ޓަކައި ކުރަން ޖެހޭ ޙަރަދު ކުރެވޭނެ ފެންވަރު ޓީމުގައި ނެތުމެވެ.

ޔުސައިން ބޮލްޓް އޮސްޓުރޭލިއާގެ މެރިނާސްގައި ހޭދަ ކުރި ދުވަސްތަކުގެ ތެރިއިން -- ފޮޓޯ / ބީބީސީ
"އެކަމުގެ [ފްޓްބޯޅައިގެ] ތެރޭގައި ހޭދަ ކުރެވުނު ވަގުތު ކޮޅަކީ ވަރަށް މަޖާ ވަގުތު ކޮޅެއް،" އަށް ފަހަރު އޮލިންޕިކް ގޯލްޑް މެޑަލް ހޯދާފައިވާ ޔުސައިން ބޮލްޓް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.
"އަހަރެން ނުބުނާނަން [ފްޓްބޯޅަ ކުޅުން ހުއްޓާ ލުމުގެ] ކަންތައް ހިނގައި ދިޔައީ ފަރުވާ ކުޑަކޮށޭ. ނަމަވެސް ކަންތައް ކުރަން ޖެހުނު ގޮތަކަށް ނޫން ކަން ވެގެން ދިޔައީ،"
"މި ތަޖުރިބާއާ މެދު ވަރަށް ހިތްހަމަ ޖެހޭ. ދިރިއުޅުމުގައި އަބަދު ވެސް އާ ކަން ކަން ދާނީ ދަސްވުމުން. ވަރަށް އުފާވޭ އަސްލު ޓީމަކާ އެކު ކުޅެލުމުގެ ފުރުސަތު ލިބުނީތީވެ." ފްޓްބޯޅަ ކުޅުން ހުއްޓާލުމާ ބެހޭ ގޮތުން ބޮލްޓު ބުންޏެވެ.
ވޭތުވެ ދިޔަ އޮކްޓޯބަރު މަހު މެރިނާސް ކުޅުނު ޕްރެކްޓިސް މެޗަކަށް ބޮލްޓް ވަނީ އަރައިފަ އެވެ. އެ މެޗުގައި އޭނާ ވާނީ އެ ޓީމަށް ދެ ގޯލު ޖަހައިދީފަ އެވެ.
އޮަސްޓުރޭލިއާގެ ލީގު އޭގެ އެހެން ކުލަބްތަކުން ވެސް ބޮލްޓް ގެންދަން ބޭނުންވި އެވެ. އެގޮތުން ވެލަޓާއިން ކުރި އޮފާ އަކަށް ބޮލްޓު ވަނީ ނޫނެކޭ ބުނެފަ އެވެ. އެއީ އޭނާ ބޭނުންވާ ވަރުގެ އުޖޫރައެއް ދޭން އެ ކުލަބުން އެއްބަސް ނުވީމަ އެވެ.
މީގެ އިތުރުން ނޯވޭގެ ކުލަބެއް ކަމަށްވާ ސްޓޮރެމްސްގޮޑެޓް އަދި ޖާމަން ލީގުގެ މިވަގުތު އެއްވަނާގައި އޮތް ބޮރޮޝިއާ ޑޯޓްމަންޑް އާއި އެއްކޮށް ވެސް ބޮލްޓް ފަރިތަކުރުމުގައި ބައިވެރިވެފައިވެ އެވެ.
ބޮލްޓު ވަނީ 2017 ވަނަ އަހަރު އެތްލެޓިކްސް އިން ރިޓަޔާ ކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ ކުޅިވަރުގެ ހަޔާތް ނިމުމަކަށް ގެނައުމަށް ފަހު އަމިއްލަ ވިޔަފާރީގައި ކުރިއަށް ދާނީ ކަމުގަ އެވެ.