23 Jan 2019, 11:02
ގާނޫނާ ހިލާފްވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅި ކުޑަކުދިންގެ މައްސަލަތައް 2017 އަހަރާއި ބަލާއިރު މިދިޔަ އަހަރު ވަނީ 13.8 ޕަސަންޓު ދަށްވެފައި ކަމަށް ހޯމް މިނިސްޓްރީން އެކުލަވާލި ގާނޫނާ ހިލާފްވާ ކުޑަކުދިންނާ ބެހޭ މިދިޔަ އަހަރުގެ ރިޕޯޓްގައި ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިއަދު އާންމު ކުރި އެ ރިޕޯޓްގައި ވާ ގޮތުން ގާނޫނާ ހިލާފުވެގެން ޖުވެނިއަލް ޖަސްޓިސް ޑިޕާޓްމެންޓަށް ހުށަހަޅާފައިވަނީ 349 ކުދިންގެ މައްސަލައެވެ. އޭގެތެރެއިން 111 ކުދިންނަކީ ކުށްތަކުރާރު ކޮށްފައިވާ ކުދިންނެވެ. އަދި އަނެއް 184 ކުދިންނަކީ ކުށުގެ ތުހުމަތުގައި އަލަށް ހުށަހެޅި ކުދިން ކަމަށްވެސް އެ ރިޕޯޓްގައި ބުނެއެވެ.
މިދިޔަ އަހަރު ކުށްކޮށްފައިވާ ކުޑަކުދިންގެ 93 އިންސައްތައަކީ ފިރިހެން ކުދިންނަށް ވާއިރު ހަތް ޕަސަންޓަކީ އަންހެން ކުދިންނެވެ. އެއީ 2017 އަޅާބަލާއިރު ހުށަހެޅި އަންހެން ކުދިންގެ 47.6 އިންސައްތަ ދަށް އަދަދެއް ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ.
އެންމެ ގިނައިން ކުށްކޮށްގެން ހުށަހަޅާފައިވަނީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލައެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ 16 އަހަރުގެ އަންހެން އަދި ފިރިހެން ކުދިންގެ މައްސަލަ ކަމަށްވެސް އެ ރިޕޯޓުގައި ބުނެއެވެ.
"އެކުދިންގެ މައްސަލަތަކަށް ބަލާއިރު ގިނަ ކުދިންނަކީ އެކުދިންނަށް ދޭންޖެހޭ ރައްކާތެރިކަން ނުދެވިގެން ކުށުގެ ވެއްޓަށް އަންނަ ކުދިންކަން ހުށަހެޅިފައިވާ މައްސަލަތަކުން ފާހަގަކުރެވޭ،" އެ ރިޕޯޓުގައި ވެއެވެ.
މިދިޔަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ 35.7 ޕަސަންޓު ކުދިންނަކީ ސުކޫލްގައި އުޅޭ ކުދިންނެވެ. އަދި 35.2 ޕަސަންޓު ކުދިންނަކީ ވަކި ހިސާބަކުން ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިންނެވެ. 23.6 އިންސައްތަ ކުދިންނަކީ ސާނަވީ ފުރަތަމަ މަރުހަލާ ނިންމާފައިވާ ކުދިން ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
އެންމެ ގިނައިން މިދިޔަ އަހަރު ހުށަހެޅިފައިވަނީ ޖެހުމާއި (މާރާމާރީ) މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި ވައްކަމާއި މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ މައްސަލަތަކެވެ. އަންހެން ކުދިންގެ ފަރާތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ ޖެހުމާއި (މާރާމާރީ) ބަދުއަހްލާގީ އަމަލު ހިންގުމުގެ މައްސަލަތައް ކަމަށް ހޯމް މިނިސްޓްރީން އެކުލަވާލި ރިޕޯޓުގައި ބުނެއެވެ.