ސައިކަލު ދުއްވައިރު އަޅާ ހެލްމެޓު ގަނެދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓު އޮތޯރިޓީއިން އިއުލާނުކޮށްފިއެވެ.

އެ އޮތޯރިޓީއިން މިދިޔަ ހަފްތާ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހެލްމެޓު ފޯރުކޮށްދޭނެ ފަރާތްތަކުން މިމަހުގެ 27 ގައި އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5،000 ހެލްމެޓު ބަހަން ނިންމާފައިވާއިރު މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބުރިޖު ހުރަސްކުރާއިރުގައްޔާއި މާލޭ ރިންގު ރޯޑުގައި ދުއްވާއިރު ހެލްމެޓު އަޅަން މަޖުބޫރުވާނެ ކަމަށްް ޓްރާންސްޕޯޓު މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ބުރިޖު މަތީން ދަތުރުކުރާ އިރު ހެލްމެޓު ބޭނުން ކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް އަންނަ މަހުގެ ދެ ވަނަ ހަފުތާ ތެރޭގައި ހޭލުންތެރިކުރުމުގެ ކެމްޕޭނެއް އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. ހެލްމެޓު ބަހަން ނިންމާފައިވަނީ މި ކެމްޕެއިނުގެ ތެރޭގައެވެ.

ބުރިޖު މަތީގައި ދުއްވޭނީ ގަޑިއަކު 25 ކިލޯ މީޓަރާއި 50 ކިލޯ މީޓަރުގެ ބާރު މިނުގައެވެ. އެ ސްޕީޑްގައި ބްރިޖު މަތީގައި ދުއްވާ އިރު އެންމެ ރައްކާތެރި ގޮތަކީ ވެސް ހެލްމެޓް އަަޅައިގެން ދުއްވުން ކަމަށް ޓްރާންސްޕޯޓް އޮޓޯރިޓީއާއި ޕޮލިސް ސާވިސްއިން ބުނެއެވެ.

ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ސިނަމަލެ ބްރިޖާއި ލިންކު ރޯޑުގައި ނުރައްކާތެރި ގިނަ އެކްސިޑެންޓުތައް ވަނީ ހިނގައިފައެވެ.