10:00


މިރޭ ބޭއްވުމަށް ހަމަޖައްސާފައި އޮތް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ހާންގެ ޝޯ ސަލާމަތީ ސަބަބުތަކަކަށްޓަކައި ފަސްކޮށްފި އެވެ.


ޝާހްރުކް ހާންގެ ޝޯ ފަސްކުރި ސަބަބެއް ކަމަށް އެ ޝޯ އިންތިޒާމް ކުރާ އިނެކްސް މޯލްޑިވްސް އާއި އާޓްސް ސޮލިއުޝަންގެ ފަރާތުން ވާހަކަ ދެއްކި މުހައްމަދު ޝިޒްލީން މިއަދު ވިދާޅުވީ ޝޯ ފަސްކުރީ މާލޭގެ ސަލާމަތީ ސަބަބުތަކާ ހެދި ޝާހްރުކް ހާންގެ މެނޭޖްމަންޓްގެ ފަރާތުން އެދުމުން ކަމަށެވެ. އެހެންނަމަވެސް ވަކި ތާރީޚެއް ވިދާޅުނުވެ ޝިޒްލީން ވިދާޅުވީ އެ ޝޯ ވޯލްޑް ކަޕްގެ ފަހުން ޖުލައި 26 ގެ ކުރިން ބާއްވާނެ ކަމަށެވެ. އަދި އެފަދަ މަޝްހޫރު ތަރިއެއް ގެންނައިރު އެކަށީގެންވާ އެންމެ ހައި ސެކިއުރިޓީ ދިނުމަށް ހަމަޖެހިފައިވާއިރު މިހާރުވެސް ބައެއް ސައިޓްތަކުގައި ނޭދެވޭ ބައެއް ވާހަކަތައް ޝޯ އާ ބެހޭ ގޮތުން ލިޔަމުންދާ ކަމަށް ވެސް ޝިޒްލީން ވިދާޅުވި އެވެ.


ޝިޒްލީން ވިދާޅުވީ ޝޯ ފަސްކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ރީ ފަންޑް ހޯދުމަށް ގުޅަމުންދާ ކަމަށެވެ. އެހެންނަމަވެސް ޝޯ ފަސްކުރިކަން އެނގުމުން އެ ފަރާތްތަކުން ޓިކެޓް ބައިންދަން ބުނާ ކަމަށާއި އަދި މިހާތަނަށް ރީ ފަންޑް ހޯދާފައިވަނީ 20 ސަކަށް މީހުން ކަމަށް ވެސް ޝިޒްލީން ވިދާޅުވި އެވެ.


ސިނާމާލެ އާއި ޖެހިގެން އޮންނަ ގާކޮށީގައި ބޭއްވުމަށް ހަމަޖައްސާފައިވާ އެ ޝޯގައި ބާރަ ހާސް ޓިކެޓް ވިއްކުމަށް ހަމަ ޖެހިފައިވާއިރު ޓިކެޓްގެ 50 ޕަސެންޓަށް ވުރެ އިތުރަށް މިހާރު ވިކިފައިވާ ކަމަށް ޝިޒްލީން ވިދާޅުވި އެވެ. ޝޯގެ ޓިކެޓްތައް ވިއްކާއަގަކީ 800 ރުފިޔާ އާއި 1000 ރުފިޔާ އަށެވެ.


މީގެ ކުރިން މާލެގައި ބޭއްވުމަށް ހަމަޖެއްސި އޭކަންގެ ޝޯގެ ޓިކެޓް ތައް ވެސް ވިއްކުމަށްފަހު ވަނީ ސަލާމަތީ ސަބަބުތަކަކަށްޓަކައި މުއްދަތެއް ނެތް ގޮތަށް އެ ޝޯ ވެސް ފަސްކޮށްފަ އެވެ.