އަވަށްޓެރި ސްރީލަންކާގެ ހަމްބަންޓޯޓާގައި މި މަހުގެ އަށް ވަނަ ދުވަހު ފަށާ އެއްވަނަ ސައުތު އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން އަދި އަންހެން ތުރީއޮންތްރީ ބީޗް ބާސްކެޓްބޯޅަ ޓީމު އިއްޔެ ލަންކާ އަށް ފުރައިފި އެވެ.

ލަންކާއަށް ފުރި ރާއްޖޭގެ ފިރެހެން ޓީމްގައި ހިމެނޭ ކުޅުންތެރިން ނަކީ މުހައްމަދު ޒިލާލް އާއި އަލީ ފަޒްލީ އާއި އަހުމަދު އަފްޝަން އަދި ޓީމްގެ ކޯޗް މުޙައްމަދު ހާޝިމް (ޑޭވިޑް) އެވެ.

ލަންކާއަށް ފުރި އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އައިމިނަތު ޝިއުރާ އާއި ނަޝްފާ އާމިރާ އާއި ފަދުވާ ޒާހިރު އަދި ހައުމާ އުބައިދުﷲ އެވެ. ކޯޗަކީ ޝިޒްނާ ރަޝީދެވެ.

މުބާރާތުގައި ރާއްޖޭގެ ފިރިހެން ބާސްކެޓް ޓީމް ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އަވަށްޓެރި އިންޑިއާ އާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހުގެ ހެދުނު 9:00 ޖަހާއިރުއެވެ. އަދި ހަމަ އެދުވަހު ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ބޫޓާނާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 ޖަހާއިރުއެވެ.

ރާއްޖޭގެ އަންހެން ޓީމް ކުޅޭ ފުރަތަމަ މެޗްގައި އާދިއްތަ ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެގަޑިން ހެދުނު 10:00 ޖަހާއިރުއެވެ.

ބަސްކެޓްގެ އިތުރުން މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ބައިވެރިވި ކުޅިވަރު ތަކަކީ ސްވިމިން، ޓްރައެތެލޯން، ވިންޑްސާފިން، ބީޗްސޮކާ، ވޮލީބޯޅަ އަދި ނެޓްބޯޅަ އެވެ. މުބާރާތުގައި ވާދަކުރުމަށް ބީޗްސޮކާ ނޫން އެހެން ހުރިހާކުޅިވަރު ޓީމްތައް މިއަދު 2:00 ޖަހާއިރު ލަންކާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ބީޗް ސޮކާޓީމް ލަންކާއަށް ފުރުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.