މާތްވެގެންވާ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތަށް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ހޯދުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްސަ ކޮމިޓީއެއް އެކުލަވައިލައްވައިފިއެވެ.

އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

1. ނައިބު ރައީސް ފައިސަލް ނަސީމް

2. މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ

3. މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ

4. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ހަސަން

5. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު

6. މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް

7. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު

މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ ސޯޝަލް ކައުންސިލްގެ ދަށުންކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ. މި ކޮމިޓިގެ މައިގަނޑު މަސައްކަތަކަށްވާނީ، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް މާތްވެގެންވާ އިސްލާމްދީނުގެ ގަދަރާއި ހައިބަތައް އުނިކަން އަންނަ ގޮތައް އަދި ދީނުގެ ނަމުގައި މީހުންގެ މުދަލާއި، ފުރާނައަށް ގެއްލުން ލިބޭގޮތަށް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކުގައި މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތަކާއި ދުރު މުސްތަޤްބަލެއްގައި މިފަދަކަންކަމަށް ހައްލުހޯދުމުގައި އަޅާނެ ފިޔަވަޅުތަކާމެދު ގޮތްތަކެއް ނިންމުމަށް ކަމަށް ރައީސް އޮފީހުން ބުންޏެބެ.