06 Oct 2011, 12:51
ކުޑަކުދިންގެ ހިޔަލަށް އެހީތެރިވުމުގެ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ސޮއި ކޮށްފި އެވެ.
އެއާޕޯޓްސް ކޮމްޕެނީން ބުނީ އިއްޔެ ވިލިމާލޭ ކުޑަކުދިންގެ ހިޔަލާއެކުވި އެއްބަސްވުމުގެ ދަށުން އެ ހިޔަލަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް ދިނުމަށް އެހީތެރިވެދޭނެ ކަމަށާއި މި އެއްބަސްވުމުގެ ދަށުން ހިޔަލުގައި ތިބޭ ކުދިން ބަލަހައްޓާނެ މުވައްޒަފަކާއި ޓިއުޝަން ޓީޗަރަކާއިލޯންޑްރީ ސްޓާފަކަށް އެ ކުންފުނިން ސްޕޮންސާ ކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ކުޑަކުދިންގެ ހިޔާގެ އަހަރީ ދުވަސް ފާހަކޮށް ދިނުމަށް ހާއްސަ ޕާޓީއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. ހިޔާގެ އަހަރީ ދުވަހަކީ ކުޑަކުދިންގެ ދުވަސް ކަމަށްވާ މެއި މަހުގެ 10 ވަނަ ދުވަހެވެ.
ހިޔަލާއި އެއާޕޯޓްސް ކޮމްޕެނީއާ އެއްބަސްވުމެއްގައި ސޮއިކުރީ ހުޅުލޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއްބަސްވުމުގައި އެއާޕޯޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު އިބްރާހިމެވެ. ކުޑަކުދިންގެ ހިޔާގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓްރީގެ ނައިބު ފާތިމަތު އާފިޔާ އެވެ.