ޓީޗާސް އެކްސެލެންސް އެވޯޑް ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން އެވޯޑެއް ތައާރަފުކޮށް އަހަރުގެ މޮޅު ޓީޗަރުންނަށް އެވޯޑު ދީފި އެވެ. ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެވޯޑު ތައާރަފުކޮށްދެއްވެވީ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދެވެ.

ފުރަތަމަ ފަހަރަށް ޓީޗާސް އެކްސެލެންސް އެވޯޑް ތައާރަފުކޮށް އިފްތިތާހު ކުރުމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ދޭ އަށް އެވޯޑެއް ހާސިލް ކުރެއްވި ޓީޗަރުންނަށް އެވޯޑު ދިނުމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް އެ ފަރާތްތަކަށް ދެއްވީ އެ ވޯޑުތައް ސްޕޮންސާ ކުރި ފަރާތްތަކުންނެވެ.

މިއަހަރުގެ ޕްރީސްކޫލްތަކުން އެންމެ މޮޅު ޓީޗަރުގެ އެވޯޑް ހާސިލްކޮށްފައި ވަނީ އަމީރް އަހުމަދު ސުކޫލުގެ ޓީޗަރު މިޒްހަތުﷲ ޝަކީބު އެވެ. އުގެނުމުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމުގެ ދާއިރައިން އަހަރުގެ އެއްމެ މޮޅު ޓީޗަރުގެ އެވޯޑް ހާސިލް ކޮށްފައިވަނީ މަރިޔަމް ޝަރަތް ޝަކީބެވެ. ޕްރައިމަރީ ސްކޫލުތަކުން އަހަރުގެ ޓީޗަރުގެ އެވޯޑް ހާސިލް ކޮށްފައިވަނީ ކަލާފާން ސްކޫލުގެ ޓީޗަރު އައިޝަތު އަލިދީދީ އެވެ. ސެކަންޑަރީ ސްކޫލުތަކުން އަހަރުގެ ޓީޗަރުގެ އެވޯޑް ހާސިލް ކޮށްފައި ވަނީ ޏ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ މުހައްމަދު އަބްދުﷲ ރަފީގު އެވެ. ޕްރައިމަރީ ސްކޫލުތަކުން އަހަރުގެ ލީޑިން ޓީޗަރުގެ އެވޯޑް ހާސިލް ކޮށްފައިވަނީ ކަލާފާން ސްކޫލުގެ މޫމިނާ އަންވަރު އެވެ. ސެކަންޑަރީ ސްކޫލުތަކުގެ އަހަރުގެ ލީޑިންގް ޓީޗަރުގެ އެވޯޑް ހާސިލް ކުރީ ދަރުމަވަންތަ ސްކޫލުގެ އަސްރަފް އަލީ އެވެ. އަދި ސަޕޯޓިވް ސްޓާފްގެ އެވޯޑް ހާސިލް ކޮށްފައިވަނީ ޖަމާލުއްދީން ސްކޫލުގެ ސުޖާއު ސަލީމް އެވެ.
އެވޯޑުތައް ހާސިލު ކުރެއްވި ކޮންމެ ޓީޗަރަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30000ރ. ދިނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރުކު ޓީޗަރުންނަށްދޭ އެވޯޑްތަކަށް ލިބޭ ތަރުހީބު ބޮޑުވެފައިވާ ކަމަށާއި މިދިޔަ އަހަރު އެ އެވޯޑްތަކަށް ކުރިމަތިލި ޓީޗަރުންނަށް ވުރެ މިއަހަރު ކުރިމަތިލި ޓީޗަރުންގެ އަދާއި ސްޕޮންސާގެ އަދަދު ވެސް ގިނަކަމަށެވެ. މިއަހަރު އެވޯޑްތަކަށް 20 ޓީޗަރުން ކުރިމަތިލި އެވެ.

"އަޅުގަނޑު ދަންނަވާނީ މިދިޔަ އަހަރަށް ވުރެ މި އަހަރު އަޅުގަނޑުމެންގެ އެވޯޑްތަކަށް ލިބުނު ތަރުހީބު ވަރަށް ބޮޑު ކަމަށް. މި އެވޯޑްތަކުގައި ބައިވެރިވި ޓީޗަރުންގެ އަދަދު ވެސް ސްޕޮންސާގެ އަދަދު ވެސް ކުރީ އަހަރަށް ވުރެ ގިނަ،" ޝިފާ ވިދާޅުވި އެވެ.