06 Oct 2011, 12:15
ސިފައިންގެ ގާނޫނާއި ޚިލާފަށް ސިފައިންގެއަށް ނުނިކުމެ ވަޒީފާއަށް ފިލައިގެން އުޅޭ އިތުރު ސިފައިން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ސިފައިންގެއަށް ހާޒިރުވެ ވަޒީފާގެ ކަންތައްތައް ވަކިގޮތެއް ނިންނުމަށް ސިފައިންގެއިން އެފަރާތް ތަކަށް ފުރުސަތު ދީފިއެވެ.
ޑިފެންސް މިނިސްޓްރީންކޮށްފައިވާ އިއުލާނެއްގައި ބުނަނީ ހިދުމަތަށް ފިލައިގެން އުޅޭ ސިފައިން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެއްވެސް އެއްޗެއް މިނިސްޓްރީއަށް ނާންގައިފިނަމަ އެ ފަރާތްތަކުގެ ނަމާއި ފޮޓޯ މީޑިޔާގައި އާންމު ކުރާނެ ކަމަށެވެ.
އަދި ބުނެފައި ވަނީ ޑިފެންސުން އެދިފައިވާ ގޮތަށް ހާޒިރުނުވެ އަދި ވަކިގޮތެއް ނާންގާ ތިބި ސިފައިންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.
"... ސިފައިންގެ ވަޒީފާއަށް ފިލައިގެން އުޅޭފަރާތްތަކުން މިމަހު 20 ވަނަދުވަހުގެ ކުރިން އެމްއެންޑީއެފްގެ ހެޑްކުއާޓާޒަށް ހާޒިރުވެ އެފަރާތުގެ ވަޒީފާގެ ކަންތައްތައް ވަކިގޮތަކަށް ނިންމުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ހާޒިރުނުވާ މިފަދަ ފަރާތްތަކުގެ މަޢުލޫމާތު ފޮޓޯ އާއިއެކު ހަބަރުފަތުރާ ވަސީލަތްތަކަށް އާއްމުކޮށް ޢިއުލާން ކުރުމަށްފަހު، އެފަރާތް ތަކާއިމެދު ސިފައިންގެ ގާނުނޫގެ 43 ވަނަމާއްދާގެ ދަށުން ފިޔަވަޅު އަޅާނެވާހަކަ ވެސް ދަންނަވަމެވެ." ޑިފެންސް އިއުލާންގައި ވެއެވެ.
ސިފައިންގެ ހިދުމަތާ ގުޅުމަށްފަހު އަސްކަރިއްޔާގެ އެއްބަސްވުމާއި ހިލާފުވި 13 މީހަކު ޝަރަފުވެރިކަމާއި ނުލައި މިމަހު ދެވަނަ ދުވަހު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
ގައުމީ ދިފާއީބާރުން ބުނީ ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ތެރޭގައި ދަޢުލަތުގެ ޚަރަދުގައި ތަމްރީނާއި ތަޢުލީމް ހޯދުމަށް ފަހު، ވެފައިވާ ޤާނޫނީ އެއްބަސްވުމާއި ޚިލާފުވެފައިވާ ފަރާތްތަކާއި ވަޒީފާގެ އެއްބަސްވުމާއި ޙިލާފްވާ ފަރާތްތައް ހިމެނޭކަމަށެވެ. ޝަރަފްވެރިކަމާއި ނުލައި މިއަދު ވަޒީފާއިން ވަކިކުރި ފަރާތްތަކުގެ ތެރެއިން ޝަރީޢަތަށް ފޮނުވަންޖެހޭ ފަރާތްތައް ޝަރީޢަތަށް ފޮނުވާނެ ކަމަށް ވެސްވަނީ ބުނެފައެވެ. ސިފައިންގެ ހިދުމަތާ ގުޅި ވަޒީފާއަށް ފިލައިގެން އުޅެނީ ކިތައް ސިފައިން ކަމެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.