22 Jan 2019, 10:52
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން އެމްޕީއެލްއިން ހުއްޓާލައިފިއެވެ.
ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުން ފާހަގަކުރުމަށް މިއަދު އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް ވިދާޅުވީ ޖަޒީރާ ވަންތަ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓޭނީ އަޅުގަނޑުމެންނަށް ލިބިފައިވާ ފަޅުތަކާއި ގިިރިތައް ބަލަހައްޓައިގެން ކަމަށެވެ.
އެގޮތުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަންނަ އޮތް ޖީލުތަކަށް ރީތިކަންމަތީ ރާއްޖެ ފޯރުކޮށްދޭންޖެހޭ. ބާޒާރަށްދާއިރުވެސް ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލަންޖެހޭ. ގޭގޭތަކުގައި ފިލްޓަރު ބޭނުންކުރުން މުހިއްމު،"
ޝިޔާމް އިތުރަށް ވިދާޅުވީ ދުނިޔެ ތަޣައްޔަރުވެ ދިއުމުގެ އެންމެބޮޑު އެއް ސަބަބަކީ ޕްލާސްޓިކް ކަމަށާއި އެ ބޭނުންކުރުން އެއްކޮށް ހުއްޓާލަންޖެހޭ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޕްލާސްޓިކަކީ އޭގެ ޒާތުގައި ތިމާވެށްޓަށް ނުހަނު ގެއްލުންދެނިވި އެއްޗެއް ކަމަށާއި ޕްލާސްޓިކްގެ ސަބަބުން ތިމާވެށި ހަލާކުވެގެންދާ ކަމަށެވެ.
"އެމްޕީއެލްގެ ކޮންމެ މުވައްޒަފަކަށް ގިނަ ދުވަހަށް ބޭނުންކުރެވޭ ފެންބޯ ފުޅިއެއް ދޭނެ. ފެން ޑިސްޕެންސްކުރާ ޔުނިޓެއް ބަހައްޓާނެ،"
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ރައީސް އޮފީހުން ވަނީ ހާއްސަ ކެމްޕެއިނެއް ފަށައިފައެވެ. ސަރުކާރުގެ ގިނަ މުވައްސަސާތަކާއި މިނިސްޓްރީތަކުން ދަނީ ޕްލާސްޓިކް ފުޅި ބޭނުންކުުރުން ހުއްޓާލަމުންނެވެ.