22 Jan 2019, 10:55
ލިބުނު ޕެނަލްޓީ ރޮނާލްޑޯ ބޭކާރު ކޮށްލި ނަމަވެސް ރޭގެ މެޗުން ޔުވެންޓަސް ފަސޭހަ ކަމާއި އެކު ޗީވޯގެ މައްޗަށް ކުރި ހޯދައި ތާވަލުގެ އެއްވަނައިގެ ފަރަގު ބޮޑުކޮށްފި އެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ. އަދި މި މޮޅާ އެކު ޔުވެންޓަސް އިން 20 މެޗު ކުޅެ ވަނީ 56 ޕޮއިންޓް ހޯދާފައެވެ. އެ ޓީމާއި އެންމެ ގާތުން ވާދަ ކުރަމުން އަންނަ ނަޕޮލީއަށް 20 މެޗު ކުޅެގެން ލިބެނީ 47 ޕޮއިންޓެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުގައި ވަނީ ޕެނަލްޓީއެއް ނާކާމިޔާބު ކޮށްލާފައެވެ. -- ފޮޓޯ / ޑެޖަން ކަލިނިކް
ރޭގެ މެޗު ފެށުނުތާ މާ ގިނަިރު ނުވަނީސް ޔުވެންޓަސް އިން ވަނީ ގޯލް ޖަހައި ލީޑް ނަގާފައެވެ. 13 ވަނަ މިނަޓުގައި ޑޮގްލަސް ކޮސްޓާ ޖެހި ގޯލަށް ފަހު ވެސް ޔުވެންޓަސްއިން ދިޔައީ ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ޖަހައި ޔުވެންޓަސް އިން ލީޑު ފުޅާ ކުރިއެވެ.
މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ސީޒަނަށް އަލަށް އެ ޓީމާއި ގުޅުނު އެމްރޭ ޗޭން އެވެ. މީ ޗޭން ޔުވެންޓަސް އަށް ގުޅުނު ފަހުން އޭނާ އެ ޓީމަށް ޖެހި ފުރަތަމަ ގޯލެވެ.
ދެވަނަ ހާފު ފެށުމާއި އެކު ޔުވެންޓަސް އަށް ޕެނަލްޓީއެއް ލިބި ވަނީ ނާކާމިޔާބު ވެފައެވެ. ރޮނާލްޑޯ ފޮނުވާލި މި ޕެނަލްޓީ ޗީވޯގެ ކީޕަރު ދިފާއުކުރިއެވެ.
ނަމަވެސް މެޗު ނިމުމުގެ ކުރިން ޔުވެންޓަސް އިން އިތުރު ގޯލެއް ޖަހައި މެޗު ވަނީ ޔަގީން ކޮށްފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދީފައިވަނީ ޑެނިއަލް ރުގަނީއެވެ.
"މިއީ ރޮނާލްޑޯ ޕެނަލްޓީއެއް ނާކާމިޔާބު ކުރި ފުރަތަަމަ ފަހަރެއް ނޫން. ބައެއް ފަހަރު އެހެން ވެސް ދިމާ ވާނެ. މުހިންމު ކަމަކީ މެޗުން މޮޅުވުން." ރޭ މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޔުވެންޓަސް ގެ ކޯޗް މިސިމިލާނޯ އެލެގެރީ ބުންޏެވެ.
ރޮނާލްޑޯ އަކީ މި ސީޒަންގައި އިޓަލިއަން ލީގުގެ ޓޮޕް ސްކޯރާއެވެ. އޭނާ ވަނީ 14 ގޯލު ލީގުގައި ޖަހާފައެވެ.