22 Jan 2019, 10:17
ވޮޝިންޓަން (ޖަނަވަރީ 22) : އުތުރުކޮރެޔާގައި ސްޓްރެޓީޖިކް މިސައިލްގެ ސިއްރު ބޭހެއް ބިމުގެ އަޑީގައިވާ ކަމަށް ކަމާބެހޭ ދިރާސާ ރިޕޯޓެއް ބުނެފިއެވެ.
ވޮޝިންޓަންގައި މަރުކަޒު ހުންނަ ބައިނަލްއަގްވާމީ މައްސަލަތަކާ އަދި ސްޓްރެޓީޖިކް ދިރާސާތައް ކުރިޔަށްގެންދާ މަރުކަޒުން ބުނީ އުތުރުކޮރެޔާގެ އެ ބޭހުގައި އެގައުމުން އުފައްދާ "ނޯޑޮންގް -1" މަރުކާގެ ބަލަސްޓިކް މިސައިލް ގިނަ އަދަދަކަށް އެބަހުރި ކަމަށާ އޭގެތެރެއިން ބައެއް މިސައިލް ގައި ނިއުކްލިޔަރ ވޯހެޑްވެސް ހަރުކޮށްފައިވާ ކަމުގައެވެ. "ނޯޑޮންގް -1" މަރުކާގެ މިސައިލަކީ ފަސް ހާސް ކިލޯމީޓަރުގެ ރާސްތާ ހުންނަ މިސައިލެއް ކަމާއި އެއީ އެމެރިކާގެ ޖަޒީރާއެއް ކަމަށްވާ ގުއާމަށް ފަސޭހައިން ހަމަލާދެވިދާނެ މިސައިލެއް ކަމަށް އެހެން ރިޕޯޓްތައް ބުނެއެވެ.
ވޮޝިންޓަންގައި މަރުކަޒު ހުންނަ ސްޓްރެޓީޖިކް ދިރާސާތަކާބެހޭ މަރުކަޒުން ނެރުނު ރިޕޯޓް ބުނާގޮތުން އުތުރުކޮރެޔާއިން ސިއްރު މިސައިލް ބޭސް ގާއިމްކޮށްފައިވަނީ ދެކޮރެޔާ ދެމެދުގައިވާ ހަތިޔާރު ގެންގުޅުން މަނާ ސަރަހައްދުގެ އުތުރުން 212 ކިލޯމީޓަރު ދުރުގައިވާ އެކަހެރި ސަރަހައްދެއްގެ ބިމު އަޑީގައެވެ. ހަތިޔާރު ނައްތާލުމާބެހޭގޮތުން އުތުރުކޮރެޔާ އެމެރިކާއަށް ދޭ މައުލޫމާތުގައި މި މިސައިލް ބޭސް ނުހިމެނޭކަމަށް މިރިޕޯޓް ބުނެއެވެ.
އެރިޕޯޓްގައިވާ ގޮތުން މި ބޭސް ހުރިކަން ހާމަވީ އެސަރަހައްދަށް އުތުރުކޮރެޔާގެ ސިފައިން ދިޔުމާއި އެތަނުގެ ބިންގަރާހަށް ވަންނަ ދޮރެއް 27 ޑިސެމްބަރު 2018 ވަނަ ދުވަހު އެމެރިކާގެ ސެޓަލައިޓަކަށް ފާހަގަ ކުރެވިގެން ހޯދި ހޯދުންތަކުންނެވެ. މިކަން ހާމަވެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންގެ ދެވަނަ ސަމިޓް އަންނަ ފެބްރުއަރީގައި ބޭއްވުމަށް އެދެގައުމުން އެއްބަސްވިތާ ދެތިން ދުވަސްފަހުންނެވެ.
ކިމް އާއި ޓްރަމްޕްގެ ސަމިޓްގެ ބޭނުމަކީ އުތުރުކޮރެޔާގެ ހަތިޔާރު ނައްތާލުމާބެހޭގޮތުން މަޝްވަރާކޮށް އެކަން ކުރިޔަށްގެންދާނެ ގޮތުގެ އެއްބަސްވުމަކަށް އައުމެވެ. މި ރިޕޯޓާބެހޭގޮތުން އުތުރުކޮރެޔާއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)