މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ކަމަށް ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަބްދުލް މުހައިމިން ހަމަޖައްސައިފި އެވެ.

މި މަހުގެ 17 ވަނަ ދުވަހު އެމްއައިބީއާ ގުޅިވަޑައިގެންނެވި މުހައިމިން އަކީ މީގެ ކުރީން ބަންގްލަދޭޝްގެ ޔުނައިޓެޑް ކޮމާޝަލް ބޭންކް (ޔޫސީބީ)ގެ ސީއީއޯ އަދި އެމްޑީ އެވެ. އަދި އޭގެ ކުރީން، އޭނާ ވަނީ ބަންގްލަދޭޝްގެ އެންމެ ބޮޑު އެއް ބޭންކް ކަމަށްވާ ބްރެކް ބޭންކް ލިމިޓެޑްގެ ސީއީއޯ އަދި އެމްޑީގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

"އަޅުގަނޑު ވަރަށް އުފާވޭ އެމްއައިބީގައި މަސަައްކަތް ކުރަން ފުރުސަތު ލިބުުމުން. އަޅުގަނޑު ގަބޫލު ކުރަނީ އިސްލާމިކް ބޭންކިންގައި، މި ސަރަހައްދުގެ މައި ނާރެހަކަށް ދިވެހިރާއްޖެ ވާނެ ކަމަށް އަދި އެ ދިމާލަށް ކުރާ ދަތުރުގައި އެމްއައިބީގެ ހިއްސާ ބޮޑު ވާނެ ކަމަށް،" އެމްއައިބީ)ގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މުހައިމިން ވިދާޅުވި އެވެ.

ނަވާރަސަތޭކަ އަށްޑިހަ ހަ ވަނަ އަހަރު އެންޒް ގްރިންޑްލޭސް ބޭންކް އިން ކެރިއަރު ފެށި މުހައިމިން ވަނީ ބަންގްލަދޭޝްގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުގެ ބޭންކުތަކުގައިއާއި އެހެނިގެން ކުންފުނިތަކުގައި، ޗީފް ފައިނޭންޝަލް އޮފިސާ، ހެޑް އޮފް ހިއުމަން ރިސޯސަސް، ހެޑް އޮފް ކޮންސިއުމާ ބޭންކިން އަދި ޑެޕިއުޓީ ސީއީއޯ ފަދަ މަގާމުތައް ފުރުއްވާފަ އެވެ.

ތިރީސް އަހަރުގެ ތަޖުރިބާ ހުރި މުހައިމިން ވަނީ ބަންގްލަދޭޝްގެ ސްޓޮކް އެކްސްޗޭންޖް ބްރެކް އީޕީއެލް، ބްރެކް އީޕީއެސްއެލް، ބްކާޝް އަދި އައިއައިޑީއެފްސީ ފަދަ ތަންތަނުގެ ބޯޑު މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

އޭނާ ވަނީ ޑާކާ ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ހާސިލް ކޮށްފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ، އިންސީޑް، ކެމްބްރިޖް، ހާވާޑް އަދި މޮނާޝް ޔުނިވާސިޓީން ސްޓްރެޓެޖިކް ސީނިއާ މެނޭޖްމެންޓް އެގްޒެކެޓިވް ކޯސްތައް ވެސް ފުރިހަމަކުރައްވައިފަ އެވެ.