ބ. ތުޅާދޫގައި އަނެއްކާވެސް ބައި އިލެކްޝަން ބާއްވަން ނިންމުމާއި ގުޅިގެން އެކަން ހުއްޓުވުމަށް އަލުން ކޯޓަށް މައްސަލަ ވައްދާނެކަމަށް ޑީއާރްޕީން ބުނެފި އެވެ.

ތުޅާދޫ ކައުންސިލްގައި ޑީއާރްޕީ ތަމްސީލް ކުރައްވާ ހަމައެކަނި މެމްބަރު އުމައިރާ އަބޫބަކުރު ގެ ގޮނޑި ހުސްވެއްޖެ ކަމަށްބުނެ އިލެކްޝަނުން އިއުލާން ކޮށްފައިވަނީ އުމެއިރާ އެ މައްސަލަ ތުޅާދޫ ކޯޓަށް ހުށައަޅާފައި ވަނިކޮށް ކަމަށް ޑީއާރްޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރު އަދި އަންހެނުންގެ ގޮފީގެ ނައިބު ރައީސާ ރޮޒެއިނާ ރޭ ވިދާޅުވި އެވެ.
"އުމެއިރާ މިހާރުވެސްވަނީ ރަށު ކޯޓަށް އެމައްސަލަ ހުށައަޅާފައި. ހިތާމައަކީ އެތަނަށް [ކޯޓަށް] ގާޒީ ވަޑައިގަންނަވާ ކަމަށް މިވަނީ ކާވެންޏެއް އޮތިއްޔާ އެކަނި. މައްސަލައެއް ބައްލަވާކަށް ގާޒީއެއް ވަޑައެއް ނުގަންނަވާ، އެހެންވެ އެމައްސަލަ ނުބެލި އޮތީ. އެހެންކަމުން އެމައްސަލަ ވަކިގޮތަކުން ކޯޓުން ނުނިންމަނީސް އިލެކްޝަން ބޭއްވުމަށް ނިންމުމަކީ އިންސާފެއްކަމަށް އަޅުގަނޑުމެން ނުދެކެން،" ރޮޒެއިނާ ވިދާޅުވިއެވެ.

Rozaina (mp3)

އުމެއިރާ މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށް ބުނެ އެ ކައުންސިލުން އޭނާ އަށް ސިޓީ ފޮނުވާފައިވީ ނަމަވެސް މަގުބޫލު އުޒުރެއްނެތި އުމެއިރާ މެންބަރުކަމުން ކައުންސިލަށް ވަކިކުރެވިދާނެ ކަމަކަށް ގަބޫލު ނުކުރާ ކަމަށް ބުނެ ޑީއާރްޕީން ވަނީ ހައިކޯޓަށް މީގެކުރިން މައްސަލަ ހުށައަޅާފައެވެ.

އިލެކްޝަން ކޮމިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ރަށުގައި ބައި އިލެކްޝަނެއް ބާއްވަނީ ހައިކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ކައުންސިލުގެ ގޮނޑިއެއް ހުސްވެފައިވޭތޯ ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކުރުމަށްފަހު ކަމަށެވެ.

އަދި އެ ކޮމިޝަނުން ބަލަން ޖެހޭ އެންމެހައި ބެލުންތައް ބަލާ ދިރާސާކުރުމުން އެއްވެސް ޝައްކެތް ނެތް ގޮތެއްގައި ގޮނޑި ހުސްވެފައިވާކަން އެ ކައުންސިލުން ފޮނުވި ލިޔެކިއުންތަކުން ސާބިތުވުމުން ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ބެލިކަންތައްތަކަށް ފަހު ބައި އިލެކްޝަން އަންނަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި ވާކަމަށެވެ.

ތުޅާދޫގެ ބައި އިލެކްޝަން މިދިޔަ އޮގަސްޓް 20 ވަނަ ދުވަހު ބޭއްވުމަށް ނިންމައި އެކޮމިޝަނުން ޖުލައި ހަވަނަ ދުވަހު އިއުލާން ވެސް ކުރި އެވެ. ނަމަވެސް އެ ބައި އިލެކްޝަން ބާތިލުކޮށްފައި ވަނީ ޑީއާރްޕީން ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޯޓުން ކުރި ހުކުމާ އެއްގޮތަށް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.