ޕްރިޓޯރިޔާ (އޮކްޓޯބަރ 6) : އިސްރާއީލަކީ މެދުއިރުމަތީގެ ޤައުމުތަކަށް އޮތް ބިރެއްކަމަށާއި އިސްރާއީލުން ފުޅާދާއިރާއެއްގައި ސްޓޭޓް ޓެރަރިޒަމް ގެ ޢަމަލުތައް ހިންގަމުން ގެންދާ ކަމަށް ތުރުކީން ބުނެިފއެވެ. ދެކުނު އެފްރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި ވާހަކަ ދައްކަވަމުން ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ އިސްރާއީލުފަދަ ޓެރަރިސްޓް ޤައުމެއްގެ އަތުގައި ނިއުކްލިޔަރ ހަތިޔާރު ހުރުމަކީ މެދުއިރުމަތީގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ބޮޑު ބިރެއް ކަމުގައެވެ.

ޓެރަރިސްޓް ޤައުމެއްގެ އިތުރުން އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އުޅޭ އިސްތިޢްމާރީ ޤައުމެއް ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. ފަލަސްތީނުގެ ދައުލަތަށް އދ. ގެ މެންބަރުކަން ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދުކުރުމަށް ދުނިޔޭގެ ޤައުމުތަކަށް ގޮވާލައްވަމުން އުރުދުޣާން ވިދާޅުވީ ފަލަސްތީނުގެ ދައުލަތަށް އދ. ގެ މެންބަރުކަން ދިނުމަށް ތާއީދުނުކުރާނީ ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް ތާއީދުނުކުރާ ޤައުމުތައް ކަމުގައެވެ. ފަލަސްތީނަށް އދ. ގެ މެންބަރުކަން ދިނުމަށް ތާއީދު ނުކުރާނެކަން މިހާތަނަށް ހާމަކޮށްފައިވާ ހަމައެކަނި ދެޤައުމަކީ އިސްރާއީލާއި އިސްރާއީލަށް ޙިމާޔަތްދޭ އެމެރިކާއެވެ.

އިސްރާއީލަކީ ނިއުކްލިޔަރ ހަތިޔާރު ސިއްރުން އުފައްދައި އެއިން އަވަށްޓެރި ޢަރަބި އިސްލާމީ ޤައުމުތަކަށް ބިރުދައްކަމުން ގެންދާ ނުކިޔަމަންތެރި ޤައުމެކެވެ. އަދި އިސްރާއީލު ގެންދަނީ އެޤައުމުގައި ނިއުކްލިޔަރ ހަތިޔާރު ހުރިކަމަށް އެއްބަސްވުމަށާއި ނިއުކްލިޔަރ ފެތުރުން މަނާކުރާ މުޢާހަދާގައި ބައިވެރިވުމަށްވެސް ދެކޮޅު ހަދަމުންނެވެ. މީގެއިތުރުން އިސްރާއީލު ގެންދަނީ ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދީ އެތަންތަން ހަލާކުކޮށް މެދުއިރުމަތީގައި ނިއުކްލިޔަރ ހަތިޔާރުހުރި ޤައުމަކީ ހަމައެކަނި އިސްރާއީލު ކަމަށް ހެދުމުގެ ސްޓްރެޓެޖީއެއް ތަންފީޒުކުރަމުންނެވެ.

މި ސްޓްރެޓެޖީގެ ދަށުން ޢިރާޤާއި ސޫރިޔާގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްރާއީލުން ޙަމަލާދީ އެތަންތަން ހަލާކުކޮށްލާފައިވެއެވެ. ނަމަވެސް ސަރަޙައްދުގެ އެހެން ޤައުމުތަކާ ޚިލާފަށް އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ގޯނާކުރުމަށް އިސްރާއީލު ޖެހިލުންވެފައިވާ ކަމަށް މުރާސިލުން ބުނެއެވެ. އީރާނުންވަނީ އެޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްރާއީލުން ހަމަލާއެއްދީފިނަމަ އިސްރާއީލުގެ ދީމޫނާ ނިއުކްލިޔަރ މަޒުކަޒު ގޮއްވާލާނެކަމުގެ އިންޒާރުދީފައެވެ. -- އަލްޖަޒީރާ، އަލްޢާލަމް