މޮސްކޯ (ޖެނުއަރީ 21): އީރާނުގެ އެއާލައިނެއް ކަމަށްވާ މަހަން އެއާގެ ބޯޓުތައް ޖަރުމަނަށް އުދުހުން އެގައުމުން މަނާކޮށްފި އެވެ.

ޖަރުމަނު ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން އެގައުމުން އެފަދައިން ނިންމީ، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ޖާސޫސު ކުރުމަށާއި ޓެރަރިސްޓު އަމަލުތައް ހިންގުމަށް އެ އެއާލައިން ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މީގެ ކުރިން 2011 ވަނަ އަހަރު އެމެރިކާއިން ވަނީ މަހަން އެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އަދި އެއެއާލައިނާ އެކު ވިޔަފާރި ކުރާ ގައުމުތަކާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި މަހަން އެއާއިން ވަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް އެއްބާރުލުން ދިނުމުގެ އެގައުމަށް ހަނގުރާމަވެރިންނާއި ހަތިޔާރު ގެންގޮސްދީފަ އެވެ.

އަދި ޔޫރަޕުގެ ބައެއް ގައުމުތަކުން ވެސް ވަނީ އީރާނުން އެގައުމުތަކަށް ހަމަލާ ދޭން ރާވާ ކަމަށާއި ޖާސޫސު ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.