21 Jan 2019, 15:19
ދިވެހި ރާއްޖެއަށް އިނގިރޭސި ބަހުން ރަސްމީކޮށް "މޯލްޑިވްސް" ކިޔަން ފެށިތާ މިއަދު 50 އަހަރު ފުރިއްޖެ އެވެ.
މީގެ 50 އަހަރު ކުރީން، 1969 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު، އޭރުގެ ހާރިޖީ ވަޒީރު އަހުމަދު ޒަކީ ސޮއި ކުރައްވައި ނެރުއްވި އިއުލާނެއްގައި ވަނީ ރާއްޖޭގެ ނަން ރަސްމީކޮށް އިނގިރޭސި ބަހުން "ރިޕަބްލިކް އޮފް މޯލްޑިވްސް"އަށް ބަދަލު ކުރިކަން އިއުލާނު ކުރައްވާފަ އެވެ.

ރާއްޖޭގެ ނަން "ރިޕަބްލިކް އޮފް މޯލްޑިވްސް"އަށް ބަދަލުކޮށް ނެރުނު އިއުލާނު --
ދިވެހި އަރުޝީފުގެ ވެރިޔާ މުހައްމަދު ޝާތިރު "ސަން"އަށް ވިދާޅުވީ، އޭގެ ކުރީން ދިވެހި ރާއްޖެއަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އިނގިރޭސި ބަހުން ކިޔަމުން ދިޔައީ "ދި މޯލްޑިވް އައިލެންޑްސް" ކަމަށެވެ.
އޭނާ ވިދާޅުވީ، ދިވެހި ސަރުކާރުން، ރާއްޖޭގެ ނަން އިނގިރޭސި ބަހުން "މޯލްޑިވް އައިލެންޑްސް" އިން "މޯލްޑިވްސް"އަށް ނަން ބަދަލު ކުރި އެއް ސަބަބަކީ ނަން ކުރު ކުރުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ބޭރު މީހުން ކިޔަނީ މިސާލަކަށް، އަރަބި ބަހުން 'އައްދައުލަތުން މަހަލްދީބިއްޔާ'. ކިޔަމުން ދަނިކޮށް "އަލްމާލްދީފް' އަށް ވެސް ބަދަލުކުރީ. އުރުދޫ ހިންދީ ބަހުން މި ކިޔަނީ 'މާލްދީފް' ނޫންތޯ. އެގޮތަށް އިނގިރޭސި ބަހުން ކިޔާ އުޅުނީ 'މޯލްޑިވް އައިލެންޑްސް'. އެހެންވީމާ ތަންކޮޅެއް ދިގުކޮށް ނޫންތޯ ނަން އޮންނާނީ. އެހެންވީމާ އެގޮތަށް އޮތް އޮތުން ކުރުކޮށްލީ،"
"ރަސްމީ ނަމަކީ، ބައެއް ގައުމުތަކުގެ ނަންތަކުގައި ހުރޭ ނޫންތޯ 'އިސްލާމިކް ރިޕަބްލިކް' ނުވަތަ 'ކިންގްޑޮމް އޮފް'. އެގޮތަށް އަޅުގަނޑުމެން ޖުމްހޫރީ ވެރިކަމެއް 11 ނޮވެމްބަރު 1968 އިން ފެށިގެން މިދަނީ ކުރަމުން. އެހެންވީމާ އޭރުވެސް އަޅުގަނޑުމެން ވާނީ ޖުމްހޫރިއްޔާއަކަށްތާ. އެހެންވީމާ 'ރިޕަބްލިކް އޮފް މޯލްޑިވްސް' އަށް ހަމަޖެއްސެވީ،" ޝާތިރު ވިދާޅުވި އެވެ.
ރާއްޖެ އދ.ގެ މެމްބަރަކަށްވީ 1965 ވަނަ އަހަރު އެވެ. އޭރު އދ. ގައި ވެސް ރާއްޖޭގެ ނަމެއްގެ ގޮތުގައި ބޭނުން ކުރަމުން އައީ "ދި މޯލްޑިވް އައިލެންޑްސް" އެވެ.