06 Oct 2011, 09:51
ތެހެރާން (އޮކްޓޯބަރ 5) : އީރާނުން އުފައްދާ "އީރާން 140" މަރުކާގެ ފަސިންޖަރު މަތިންދާބޯޓުތަކުގެ ތެރޭން 6 ބޯޓެއް ބޭރުޤައުމުތަކަށް ވިއްކަން ހަމަޖެހިފައިވާކަން އެޤައުމުން ހާމަކޮށްފިއެވެ. އީރާނުގެ އެއަރޯސްޕޭސް އިންޑަސްޓްރީޒް އިން ބުނިގޮތުގައި އެކުންފުނިން އުފައްދާ "އީރާން 140" މަރުކާގެ އާދައިގެ މަތިންދާބޯޓަކީ 40 ފަސިންޖަރުންގެ ބޯޓެއް ކަމަށާއި އެމަރުކާގެ ބޯޓު ގަތުމަށް ބޭރުގެ ބައެއްޤައުމުތަކުގެ އެއަރލައިންތަކުން އޯޑަރ ލިބިފައިވާ ކަމުގައެވެ. މީގެތެރެއިން އެއްބޯޓު ވަރަށް އަވަހަށް ޙަވާލުކުރެވޭނެ ކަމަށްވެސް އެކުންފުނިންބުނެއެވެ.
މަތިންދާބޯޓު އުފައްދާ އީރާނުގެ އެއަރޯސްޕޭސް އިންޑަސްޓްރީޒް ކުންފުނިން މިހާރު އުފައްދަނީ ޕައިލެޓުން ތަމްރީންކުރުމަށް ބޭނުންކުރާ ކުދި މަތިންދާބޯޓާއި މެދުސައިޒްގެ ކާރގޯ މަތިންދާބޯޓާއި 40 ފަސިންޖަރުންގެ އާދައިގެ (ޖެޓްނޫން) މަތިންދާބޯޓެވެ. ނަމަވެސް 140 ފަސިންޖަރުންގެ ޖެޓް މަތިންދާބޯޓު އުފެއްދުމުގެ މަސައްކަތް ރަޝިޔާއާއި ޔުކްރޭންގެ އެހީގައި އީރާނުގެ އެއަރޯސްޕޭސް އިންޑަސްޓްރީޒް މިހާރު ކުރަމުން ގެންދެއެވެ. އަދި 2015 ވަނަ އަހަރު މިބާވަތުގެ ފަސިންޖަރު މަތިންދާބޯޓު މާރކެޓަށް ނެރެވޭވަރުވާނެ ކަމަށްވެސް އީރާނުގެ އެއަރޯސްޕޭސް އިންޑަސްޓްރީޒް ބުނެއެވެ.
އީރާނުގެ އެއަރލައިންތަކުން އެޤައުމުގެ އެތެރޭގެ އުދުހުންތަކުގައި އެޤައުމުން އުފައްދާ 40 ފަސިންޖަރުންގެ އާދައިގެ މަތިންދާބޯޓު ބޭނުންކުރަމުން ގެންދެއެވެ. -- އަލްޢާލަމް