21 Jan 2019, 13:19
ފަތުރުވެރީންނާ ގުޅޭ ހިތާމަވެރި ހާދިސާތައް އިތުރުވާތީ އެފަދަ ހާދިސާތައް މަދު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފަހަކަށް އައިސް ރާއްޖެ އައިސް އުޅޭ ފަތުރުވެރިންނާއި ބިދޭސީން މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވުމުގެ ހިތާމަވެރި ހާދިސާތައް ވަނީ ގިނަވެފަ އެވެ.
އެކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި މޫދަށް އެރި އުޅެނިކޮށް ދިމާވާ ހިތާމަވެރި ހާދިސާތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ ފަތުރުވެރީންނަށް ދިމާވާ އެފަދަ ހާދިސާތައް މަދު ކުރުމަށް ޓަކައި ހިދުމަތްދޭ ފަރާތްތަކާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މި ދުވަސްވަރަކީ އިރުވައި މޫސުމުގެ އޮއި ބާރު ދުވަސްވަރެއް ކަމަށާއި އެހެން ކަމުން ކުޑަކުދީންނާއި ފަތަން ނުދަންނަ މީހުންނާއި ފަތުރުވެރީން މޫދަށް އެރި އުޅުމުގައި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން، މޫދަށް އެރި އުޅުމާއި މޫދުގައި ކުޅިވަރުގެ ހަރަކާތްތައް ހިންގުމުގައި ވެސް ސަލާމަތީ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މި މަހުގެ ތެރޭގައި ފަތުރުވެރިންނާ ގުޅޭ ގިނަ ހާދިސާތަކެއް ހިނގާފައިވާ އިރު ހަނީމޫނަށް ރާއްޖެ އައިސް އުޅުނު ފިލިޕީންސްގެ ދެމަފިރިއަކު ވެސް ވަނީ ގެނބިގެން މަރުވެފަ އެވެ. އަދި އިއްޔެ ވެސް ތުލުސްދޫގައި ވަނީ ފަތުރުވެރިއަކު ގެނބިގެން ފަރުވާ ދީފަ އެވެ.