21 Jan 2019, 12:31
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްދީފިއެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ލޭބާ ޕާޓީ ރަޖިސްޓްރީކޮށްދިން ކަމުގެ ލިޔުން އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވަނީ ލޭބާ ޕާޓީގެ މުއައްސިސް އަބްދުﷲ ހަސީންއާ ހަވާލުކޮށްދެއްވާފައެވެ.
ޕާޓީ ރެޖިސްޓްރީކޮށްދިން ކަމުގެ ލިޔުމާ ހަވާލުވުމަށް ފަހު ހަސީން ވިދާޅުވީ، ލޭބާ ޕާޓީ ހިންގާނީ ވަކި ލީޑަރެއްގެ ވަށައިގެން ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ އަސާސީ ގަވާއިދު އެކުލެވިފައިވާ ގޮތުން އަޅުގަނޑުމެންގެ ހިންގުން މި އޮންނަނީ 15 މެމްބަރުންގެ ލީޑާޝިޕް ކޮމިޓީއެއްގެ މައްޗަށް. މި ލީޑާޝިޕް ކޮމިޓީގައި ތިއްބަވާނެ ޗެއާއާއި ނައިބު ޗެއާ. މި ދެ ބޭފުޅުން ބަދަލުވަމުން ދާނެ ހަ މަހުން ހަ މަހުން. އެހެންވީމާ ޕާޓީގެ ވަކި ލީޑަރަކު ނުހުންނާނެ،" އޭނާ ވިދާޅުވިއެވެ.
"ވަކި ފިގާއެއްގެ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ޕާޓީއަކަށް ނުވާނެ. އަޅުގަނޑުމެންގެ ސިޔާސަތުތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅައިގެން އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރާނެ."
ލޭބާ ޕާޓީ ރެޖިސްޓްރީކޮށްދިން ކަމުގެ ލިޔުން ހަވާލުކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
ހަސީން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ލޭބާ ޕާޓީން ވާދަ ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އަޅުގަނޑުމެން އިޝާރާތްކޮށްފައި ވާނެ އަޅުގަނޑުމެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަ ކުރާނެ ވާހަކަ. އަދި ކަނޑައެޅިގެން ވަކި ދާއިރާއެއް ބުނަން ނޭނގުނަސް އަޅުގަނޑުމެންގެ ޕާޓީއާ އެކަށީގެންވާ އަދަދެއްގެ މެމްބަރުން އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ވާދަ ކުރާނެ،" ހަސީން ވިދާޅުވި އެވެ.
ލޭބާ ޕާޓީ ރެޖިސްޓްރީކޮށްދިން ކަމުގެ ލިޔުން ހަވާލުކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
ލޭބާ ޕާޓީން 3000 ފޯމު ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. ޑިސެމްބަރު 19 ވަނަ ދުވަހު އާންމު ޖަލްސާ ބާއްވަން ހުއްދަ ދިން އިރު އެ ޖަލްސާ ބޭއްވީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
ލޭބާ ޕާޓީ ހިމެނޭ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު ހިމެނެނީ އަށް ސިޔާސީ ޕާޓީއެކެވެ. އެއީ ލޭބާ ޕާޓީ ޕީޕީއެމް. އެމްޑީޕީއެމް، އެމްޑީއޭ، ޖުމްހޫރީ ޕާޓީ، ޑީއާރުޕީ، އަދާލަތު ޕާޓީ އަދި އެމްޓީޑީއެވެ.