ޖަލުތަކުގެ އޮޑިޓު ހެދުމަށް ހޯމް މިނިސްޓްރީން އެކުލަވައިލި ކޮމިޝަނުގެ މެންބަރުންނާ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ބައްދަލު ކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އެ ބައްދަލުވުމުގައި ކޮމިޝަންގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު މިނިސްޓަރު ބައްލަވާލައްވާފައިވާ ކަމަށެވެ.

އަދި ކޮމިޝަންގެ މަސައްކަތަށް މެދުވެރިވާ ގޮންޖެހުންތަކާއި އެކަންތައްތައް ހައްލުކުރަން ފެންނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށްވެސް އެ ޓްވީޓްގައި ބުނެފައިވެއެވެ.

ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމެވެ. އަދި އެ ރިޕޯޓަށް ރިއާޔަތްކޮށް ޖަލުތަކުގެ ކަންކަން އިސްލާހްކޮށް ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމާއިއެކު ގައިދީންގެ އިންސާނީ ހައްގުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުމެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަކީ އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމް (ރައީސް)، ޑރ. ޢަބްދުﷲ އިސްނީން ހިލްމީ، ޝަހިންދާ އިސްމާއިލް، އަލްއުސްތާޒާ ޒުލައިހާ ދާއޫދު، އަހުމަދު މުޙައްމަދުފުޅު، އަލްއުސްތާޒާ ޝާދިޔާ އާދަމް އަދި އައިމިނަތު ނާހީން އަހުމަދެވެ.