ވޮޝިންގޓަން (އޮކްޓޯބަރ 5) : ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުން ގެންދަނީ ބޭކާރު ހަނގުރާމައެއް ކަމަށް އެދެޤައުމުގައި އެމެރިކާ ކުރަމުން ގެންދާ ހަނގުރާމައިގާ ބައިވެރިވި އެމެރިކާ ސިފައިންގެ ތެރެއިން 3 ބައިކުޅައެއްބައި މީހުން ބުނެފިއެވެ.

ސެޕްޓެމްބަރ 11 ގެ ޙަމަލާތަކަށްފަހު ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުން ގެންދާ ހަނގުރާމައިގާ ބައިވެރިވި އެމެރިކާ ސިފައިންގެ މެދުގައި ކުރި ޚިޔާލު ހޯދުމުގެ ސަރވޭއެއްގެ ނަތީޖާ ދައްކާގޮތުން އެދެޤައުމުގައި އެމެރިކާ ކުރަމުން ގެންދާ ހަނގުރާމައަކީ ބޭކާރު ހަނގުރާމައެއް ކަމަށް އޭގެތެރެއިން ތިންބައިކުޅަ އެއްބައި މީހުން ދެކެއެވެ.

މިސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނަ މީހުން ދެކޭގޮތުގައި ސެޕްޓެމްބަރ 11 ގެ ޙަމަލާތަކަށްފަހު އެމެރިކާގެ އެތެރޭގެ ކަންތައްތައް އިސްލާޙް ކުރުމަށް އެމެރިކާ ސަމާލުކަންދިންނަމަ ނަތީޖާ މާރަނގަނޅު ވީހެވެ. އަދި އެމެރިކާ އިޤްތިސާދީ ގޮތުން ބަލިކަށިވާންފެށީ ސެޕްޓެމްބަރ 11 ގެ ޙަމަލާތަކަށްފަހު ހަނގުރާމައާއި ތަޅާފޮޅުމަށް ކުރަމުން ގެންދާ އާދަޔާޚިލާފު ބޮޑެތި ޚަރަދުތަކުގެ ސަބަބުން ކަމަށްވެސް މިސަރވޭގައި ގިނަބަޔަކު ބުނެފައިވެއެވެ.

ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުން ގެންދާ ހަނގުރާމައިގާ ބައިވެރިވި އެމެރިކާ ސިފައިންގެ ތެރޭން ގިނަބަޔަކު ވެރިކަންކުރާ ޑިމޮކްރެޓީކް ޕާޓީގެ ބަދަލުގައި އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާކަންވެސް މިސަރވޭން ހާމަވިއެވެ. އަދި ދެވަނަ ދައުރަކަށް ރައީސް އޮބާމާ އިންތިޚާބުކުރަން ބޭނުންނުވާކަމަށްވެސް މީގެތެރެއިން ގިނަބަޔަކު ބުނެފައިވެއެވެ. -- އަލްޖަޒީރާ