19:00


ކ.މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ފިލިޕީންސްގެ ހަތް މީހަކު ދޫކޮށްލުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ފިލިޕީންސް ސަރުކާރުން ބުނެފި އެވެ.


މިހާރު މުއްދަތު ހަމަކުރައްވާފައިވާ ފިލިޕީންސްގެ ސަފީރު ޒެނައިޑާ ޓަކޯޑާ ރަބަގޯ އާ ހަވާލާދީ ފިލިޕީންސް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރެޑިޓް ކާޑުތަކެއް ވަގަށް ނަގައިގެން އޭގެން ވިޔަފާރިކުރިކަމުގެ ކުށުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މާފުށީ ޖަލުގައި 25 އަހަރުގެ ޖަލުގެ ހުކުމް ތަންފީޒުކުރަމުން ދިޔަ ހަތް މީހުން ޖަލުން ދޫކޮށްލުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ އެހަތް މީހުން އެމީހުންގެ އަމިއްލަ ގައުމަށް ޑީޕޯޓްކޮށްލާ ގޮތަށް ކަމަށެވެ. އަދި ދިވެހި ސަރުކާރުން އެ ހަތް މީހުން ދޫކޮށްލުމަށް ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ފިލިޕީންސްގެ ސަފީރަށް ދެއްވި ވަދާއީ ހަދިޔާއެއް ކަމުގައި ފިލިޕީންސްގެ ސަފީރު ވިދާޅުވެފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.


ފިލިޕީންސްގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒާ ހަވާލާދީ ފިލިޕީންސް ސަރުކާރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެހަތް މީހުން ދޫކޮށްލުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ ދާދި ފަހުން ރާއްޖޭގައި އަމަލުކުރަން ފެށި ކުށްވެރިންނަށް އަދަބު ލުއިކޮށްދިނުމާއި މާފުދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ މާފުދިނުމުގެ ބާރުގެ ދަށުން ކަމަށެވެ. އަދި ފިލިޕީންސްގެ ސަފީރާއެކު ރައީސް ނަޝީދު ބޭއްވެވި ބައްދަލުކުރެއްވުމުގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ އޮބްޒާވަރެއްގެ ގޮތުން ފިލިޕީންސް ބައިވެރިކޮށްދިނުމުގައި މަސައްކަތް ކޮށްދެއްވުމަށް ރައީސް ނަޝީދުގެ އަރިހުން ރަބަގޯ އެދިވަޑައިގެން، ރައީސް ނަޝީދު އެކަމާ އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުން އޭޝިއަން ސަމިޓް އޮން ކްލައިމެޓް ޗޭންޖްގައި ރާއްޖެއަށް އެއްބާރުލުން ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށް ވެސް އެބަޔާނުގައިވެ އެވެ.


މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯދާލުމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރާ ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ސަރުކާރުގެ ބަހެއް ވަނީ ލިބެ ގޮތް ނުވެފައެވެ.


ތިން މީހެއްގެ ކްރެޑިޓް ކާޑު ވަގަށް ނަގައި އެ ކާޑުތަކުން ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ވިޔާފާރި ކުރި ކަމުގެ ތުހުމަތުގައި ފިލިޕީންސްގެ ހަތް ވެއިޓަރަކު އުމުރަށް ޖަލަށް ލުމަށް ޖީނާއީ ކޯޓުން ވަނީ މިދިޔަ އަހަރު ހުކުމް ކޮށްފައެވެ.