ލަންޑަން (ޖެނުއަރީ 21): އިނގިރޭސި ރާނީ އެލިޒަބަތު 2ގެ ފިރިކަލުން ޕްރިންސް ފިލިޕް އިންނެވި ކާރުކޮޅު އެކްސިޑެންޓުވިތާ 48 ގަޑިއިރު ފަހުން، ޕްރިންސް ފިލިޕް އަނެއްކާވެސް ސީޓް ބެލްޓް ނާޅުއްވައި ކާރުކޮޅު ދުއްވެވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އުމުރުން 97 އަހަރުގެ ޕްރިންސް ފިލިޕް އިންނެވި ކާރުކޮޅު ބުރާސްފަތި ދުވަހު އެކްސިޑެންޓުވީ އެހެން ކާރެއްގައި ޖެހިގެންނެވެ. އޭރު ކާރު ދުއްވަން އިންނެވީ ވެސް ޕްރިންސް ފިލިޕް އެވެ.

އެހާދިސާ ހިނގިތާ 48 ގަޑި އިރު ފަހުން ޕްރިންސް ފިލިޕް ސީޓް ބެލްޓާ ނުލައި ކާރުކޮޅު ދުއްވަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާއްމުވެފަ އެވެ. އަދި ފުލުހުން ވަނީ އޭގެ ސަބަބުން ޕްރިންސް ފިލިޕްއަށް ދޭން ޖެހޭ "ނަސޭހަތް" ދީފައިވާ ކަމަށް ބުނެފަ އެވެ.

އެހާދިސާއާ ގުޅިގެން ގިނަ ބަޔަކު ވަނީ ޝާހީ އާއިލާގެ މެމްބަރަކަށްވީ ނަމަވެސް ގާނޫނަށް ބޯލަނބަން ޖެހޭ ކަމަށާއި، ގާނޫނާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފަ އެވެ.

ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓުގައި ޕްރިންސް ފިލިޕްއަށް އަނިޔާވެފައެއް ނުވެ އެވެ. ނަމަވެސް އަނެއް ކާރުގައި ތިބި ދެ އަންހެނުންނަށް ކުދި އަނިޔާތަކެއް ލިބުނެވެ.

ބުރާސްފަތި ދުވަހު އެކްސިޑެންޓުވި ޕްރިންސް ފިލިޕްގެ ކާރުކޮޅު -- ފޮޓޯ: އޭއެފްޕީ

އިނގިރޭސި ޝާހީ ގަނޑުވަރުން ވަނީ އެހާދިސާގައި އަނިޔާވި ފަރާތްތަކަށް މެސެޖެއް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކްސިޑެންޓުގައި އަނިޔާވި އެމާ ފަޔާވެދާ ވަނީ ޕްރިންސް ފިލިޕް އަދިވެސް މާފަށް އެދިވަޑައިނުގަންނަވާ ކަމަށް ބުނެފަ އެވެ.

އިނގިރޭސި ފުލުހުން މިހާރު ދަނީ އެހާދިސާ ތަހުގީގު ކުރަމުންނެވެ.

އެއެކްސިޑެންޓާ ގުޅިގެން ގިނަ ބަޔަކު ވަނީ ޕްރިންސް ފިލިޕް ގިނިކަންޏާ ކާރު ކޮޅު ދުއްވުމަކީ އެންމެ ރައްކާތެރިގޮތްތޯ ސުވާލު އުފައްދާފަ އެވެ.

އިނގިރޭސި ގާނޫނުތައް ބުނާގޮތުން އުމުރުން 70 އަހަރުން މަތީގެ ކޮންމެ މީހަކުވެސް ކޮންމެ ތިން އަހަރަކުން ޑްރައިވިން ލައިސަންސް އާކުރަންޖެހެއެވެ. ޕްރިންސް ފިލިޕްގެ އަތްޕުޅުގައި ލައިސަންސް އޮތްކަމަށާއި، އެމަނިކުފާނު އެއްވެސް ގާނޫނަކާ ހިލާފުވެ ވަޑައިގެންފައިނުވާކަމަށް ގަނޑުވަރުތެރޭގެ އަރިސް މީހަކާ ހަވާލާދީ ބޭރުގެ ހަބަރުތައް ބުނެއެވެ.

ޕްރިންސް ފިލިޕް ވަނީ 65 އަހަރުގެ ހިދުމަތަށް ފަހު، 2017 ވަނަ އަހަރު ޝާހީ މަސްއޫލިއްޔަތުން ދުރަށްޖެހިވަޑައިގެންފަ އެވެ.