މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ޑިންގީއެއްގައި ދަތުރު ކުރަމުން ދިޔަ ދެ މީހަކު ކަނޑުމަތީން ހައްޔަރުކޮށްފި އެވެ.

ރ. ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ދެ މީހެކެވެ.

މިއަދު 8:53 ހާއިރު ހިންގި މިއޮޕަރޭޝަންގައި، ރ. އަތޮޅުގެ ފަޅުރަށެއް ކައިރިން ޑިންގީއެއްގައި ދަތުރުކުރަމުން ދިޔަ މި ދެމީހުން ފުލުހުގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެ އެވެ.

މި މައްސަލަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.