ޕާސަނަލް ކޮމްޕިއުޓަރާއި އައިޕެޑް އަދި އައިފޯންގެ ޓެކްނޮލެޖީ ދުނިޔެއަށް ތައާރަފު ކުރެއްވި އެޕަލް ކުންފުނީގެ ކޯ ފައުންޑާ އަދި އެކުންފުނީގެ ސީއީއޯ، މަޝްހޫރު ސްޓީވް ޖޮބްސް ކެންސަރުގެ އާލާސްކަންފުޅެއްގައި ރޭ ދުނިޔެ ދޫކުރައްވައިފި އެވެ. ސްޓީވް ދުނިޔެ ދޫކުރެއްވި އިރު އުމަރަކީ 56 އަހަރެވެ.

އެޕަލް ކުންފުންޏާ ހަވާލާދީ އޭޕީ އިން ބުނި ގޮތުގައި ސްޓީވް އަވަހާރަވީ ވަރަށް ހަމަހިމޭންކޮށެވެ. ނަމަވެސް އަވަހަރާވީ ކީއްވެ ކަމެއް އެޕަލްއަކުން ނުބުނެ އެވެ.

ސްޓީވް އަވަހާރަވީ އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކަމުން އޭނާ އިސްތިއުފާ ދެއްވިތާ މަހެއްހާ ދުވަހުގެ ތެރޭގަ އެވެ.

ސްޓީވް ޖޮބްސް އެޕަލްގެ އެންމެ އިސް ވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ 14 އަހަރު ވަންދެން އެ މަގާމުގައި ހުންނެވުމަށް ފަހު އެވެ. ދާދި ފަހުން ޖޮބްސް ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވައިފަ އެވެ.
މި އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން އޭނާ ހުންނެވީ ސިއްހީ ސަލާމެއްގަ އެވެ. އިސްތިއުފާ ދެއްވާފައި ވަނީ ވެސް ސަލާމުގައި ހުންނަވައިގެންނެވެ.

އެޕަލްގެ ޗީފް އެގްޒެކެޓިވްގެ މަގާމުން ޖޮބްސް އިސްތިއުފާ ދެއްވުމާ އެކު ހިއްސާގެ ބާޒާރުގައި ކުންފުނީގެ ހިއްސާގެ އަގު ވަނީ 7 އިން ސައްތަ ދަށަށް ގޮސްފައެވެ.

"އަހަރެން އަބަދުވެސް ބުނަން އަހަންނަށް އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރެއްގެ މަގާމުގެ ގޮތުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާ ނުކުރެވޭ ދުވަހެއް އަތުވެއްޖެ ނަމަ އެންމެ ފުރަތަމަ އެކަން އިއުލާން ކުރާނީ އަހަންނޭ. ނަސީބު ދެރަކަމުން އެ ދުވަސް މިއަދު އައިސްފި." ޖޮބްސް ފޮނުވި އިސްތިއުފާގެ ސިޓީގައިވެ އެވެ.

ކެންސަރަށް ފަރުވާ ހޯއްދެވުމަށް ޓަކައި ޗުއްޓީ ނެންގެވި ފަހުން، މާޗު މަހުގެ ތެރޭގައި ދުވަސްކޮޅަކު ޖޮބްސް އޮފީހަށް ނިކުމެވަޑައިގެންފައިވެ އެވެ. އެއީ އައިޕެޑްގެ އެންމެ ފަހުގެ ވާޝަން އިއުލާން ކުރުމުގެ ރަސްމިއްޔާތާއި، އަދި ފަހުން ސިލިކޯން ވެލީގައި، ޓެކްނޮލޮޖީ ސިނާއަތުގެ އިސް ފަރާތްތަކަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްވި ރޭގަނޑުގެ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. ނަމަވެސް އެ ރަސްމިއްޔާތުތަކުގައި ވެސް ޖޮބްސް ފެނުނީ ވަރަށް ބަލިކަށި ވެފައި ހުންނެވި ތަނެވެ.

ޖޮބްސް އިސްތިއުފާ ދެއްވުމާ އެކު އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވެގެ މަގާމަށް އަށްޔަން ކުރެއްވީ ޓިމް ކުކް އެވެ. ކުކަކީ ޖޮބްސް އަށް ފަހު އެޕަލްގެ ހުންގާނުގައި ހިފާނެ ކަމަށް ވަރަށް ކުރީއްސުރެ ވެސް ބެލެވުނު ފަރާތެވެ.