05 Oct 2011, 20:32
ޖިނާއީ މައްސަލަތަކުގައި ރާއްޖޭގެ ކޯޓްތަކުން ނެރޭ އަމުރުތަކަށް އިންޑިއާގައި ފިލައިގެން އުޅޭ މީހުން ހޯދައި، ހައްޔަރުކުމުގެ މުއާހަދާގައި ބައިވެރިވުމަށް ގައުމީ ސަލާމަތު ކޮމެޓީން އިއްޔެ ނިންމައިފި އެވެ.
ގާނޫނީ އެހީތެރިކަން ދިނުމާއި ޖިނާއީ މައްސަލަތަކުގައި ކޯޓުތަކުގެ އަމުރަށް ފިލައިގެން އުޅޭ މީހުން ހޯދައި، ޓެރަރިޒަމުގެ އަމަލުތައް ހުއްޓުވުމުގެ މުއާހަދާ )މިއުޗުއަލް ލީގަލް އެސިސްޓަންޓް އިން ކްރިމިނަލް މެޓާސް(ގައި އިންޑިއާއި ރާއްޖެއާ ދެމެދު އެއްބާރުލުން ދިނުމުގެ މުއާހަދާގައި ބައިވެރިވުމަށް ގައުމީ ސަލާމަތުގެ ކޮމެޓީން އިއްޔެ ނިންމީ އެ ކޮމެޓީގެ ބައްދަލުވުމަށް އިއްޔެ ހާޒިރުވި ހަތް މެންބަރުންގެ އިންތިފާގުންނެވެ.
ޖިނާއީ މައްސަލަތަކުގެ އިންޑިއާއެކު އެއްބާރުލުން ދިނުމުގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވެދިނުމަށް އެދި މަޖިލީހަށް ފޮނުއްވެވީ ރައީސް ނަޝީދު އެވެ. މުއާހަދާގައި ބައިވެރިވުމަށް މަޖިލީހަށް ފޮނުއްވެވި ކަރުދާހަށް ތަޅުމުގައި ބަހުސް ކުރެއްވުމަށް ފަހު، އެ މުއާހަދާ އިތުރަށް ދިރާސާ ކުރުމަށް ކޮމެޓިއަށް ފޮނުވީ ޖޫން 22، 2011ގަ އެވެ.
މުއާހަދާ ދިރާސާކުރި ގައުމީ ސަލާމަތުގެ ކޮމެޓީގެ އިއްޔެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒު ވިދާޅުވީ އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމުން ފިލާއިގެން އުޅޭ ޖިނާއީ މައްސަލަތަކުގެ ހަސްމުން ކަމަށްވާ ކުރީގެ އެޓޯލްސް މިނިސްޓަރު އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ހަމީދު (ނ ޢ ޢ ވ) ހައްޔަރު ކުރެވޭނެ ކަމަށެވެ.
"އަބްދުﷲ ހަމީދު ހައްޔަރު ކުރުމަށް ހަ ފަހަރު ކޯޓުން އަމަރު ނެރުމުން ކޮޅުބުގައި )ސިރީލަންކާ( ހުންނަވައިފައި ފިލަން ދަނީ އިންޑިއާއަށް. މި މުއާހަދާގެ ސަބަބުން އެ ބޭފުޅުން ހައްޔަރު ކުރެވި ޝަރީއަތުގެ ކުރިމައްޗަށް ގެނެވޭނެ،" ޖިނާއީ ހަސްމުންގެ ތެރޭގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުއްވާ އަބްދުﷲ ހަމީދާ ބެހޭ ގޮތުން ރިޔާޒް ވިދާޅުވި އެވެ.
މުއާހާދާގެ 25 މާއްދާ އެކުލެވިގެން ވަނީ ކޯޓް އަމުރުތައް ތަންފީޒު ކުރުމަށް ކުށްވެރިން ހާޒިރު ކުރުމާއި ޝަރުއީ ކަންކަމުގައި ދެ ގައުމުން އެއްބާރުލުންދިނުމުގެ މައްޗަށެވެ. އެ މުއާހަދާގެ (1) މާއްދާގައިވާ ގޮތުން ޝަރީއަތްތަކަށް ބޭނުންވާ މީހުން ހޯދައި ހާޒިރުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ބަދަލު ކުރުން ހިމެނެ އެވެ. އަދި އިންޑިއާގައި ދިވެހި ކުށްވެރިން ހޯދައި ހިފެހެއްޓުމާއި ހެކި ހޯދުމާއި އެ ގައުމުގައި ހިންގާ ތަހުގީގުތަކުގައި ދިވެއްސަކު ބައިވެރިވެވިދާނެ ކަމަށް ބުނެފައިވެ އެވެ. އަދި އިންޑިއާ އިން އެދިއްޖެ ހާލަތެއްގައި އެ ގައުމުގެ މީހަކު ރާއްޖޭގައި ހިންގާ ތަހުގީގެއްގައި ވެސް ބައިވެރިވެވިދާނެ ބުނެފައިވެ އެވެ.
ޖިނާއީ ޝަރީއަތް ތަރައްގީ ކުރުމަށް ދެ ގައުމުން އެއްބާރުލުން ދެވިދާނެ ކަމަށް ވެސް މުއާހަދާގައިބުނެ އެވެ.
އިންޑިއާ އާއި ރާއްޖޭގެ ސަރަހައްދުގައި ކުށުގެ އަމަލްތައް ހިންގުމަށް ބޭނުންކުރާ ފަންޑުތަކާއި ފައިސާތައް ހޯދައި ފްރީޒް ކުރުމަށް ދެ ގައުމުން ވެސް ފިޔަވަޅު އެޅުމަށް ވެސް އެ މުއާހަދާގެ (1) ވަނަ މާއްދާގައި ބުނެފައިވެ އެވެ.