ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ވަކި ބަޔަކު ވާހަކަ ދައްކަނީ އެ ބަޔަކަށް ފައިދާ އަކަށް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ދިވެހީންނަށް އެންމެ ފައިދާ ވާނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމުން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އިދާރާ މާފަންނު ކުނޫޒުގައި އެ ޕާޓީއަށް ށ. އަތޮޅާއި ދ. އަތޮޅަށް ނިސްބަތްވާ މެމްބަރުންތަކެއް ސޮއި ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް ފައިދާ ހުރި ނިޒާމެއް ނޫން ކަމަށާއި ފައިދާ ވާނީ އެ ނިޒާމް ގެންނަން އުޅޭ ބަޔަކަށް ކަމަށެވެ.

"ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ދާއިރު، ރައްޔިތުންނަށްތޯ އޭގެ ފައިދާ ކުރަނީ ނުވަތަ އެކަން ކުރަން އުޅޭ ވަކި ޕާޓީ އަކަށް ތޯ ފައިދާ ވަނީ. އަޅުގަނޑު ދަންނަވާނީ ވަރަށް ސާފުކޮށް އެނގޭ ކަމެކޭ އެއީ އެކަން ކުރާ ބަޔަކަށް އޭގެ މަންފާ އެބަ އޮތް. ތެދު ވާހަކަ އެއް. [ފައިދާ ކުރަނީ] ރައްޔިތުންނަކަށެށް ނޫން،" ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަށް ށ. އަތޮޅާއި ދ.އަތޮޅުން މެންބަރުން ތަކެއް ސޮއިކުރުމައް ބޭއްވި ރަސްމިތްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ދިޔުމަކީ އޭނާ ގަބޫލުފުޅު ކުރައްވާ ގޮތުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ފައިދާ ހުރި ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭނީ ގެއްލުން ކަމަށެވެ.

"މި ބާވަތުގެ މިސްރާބަކަށް ވިސްނުން ހުރި ބަޔަކަށް އަޅުގަނޑުމެން ރައްޔިތުން މަޖިލީހުގެ ސުޕާ މެޖޯރިޓީ ނުވަތަ މެޖޯރިޓީ ދިނުމަކީ ރައްޔިތުން ރުހޭ ކަމެއް ނޫން ކަން އަޅުގަނޑުމެންނަށް އެނގޭ،" ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އާއި ރައީސް ނަޝީދަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެ ނިޒާމުގައި ފެނިގެން ދާނީ ދެ ފަހަރަކުން އެއްފަހަރު ސަރުކާރު ވައްޓާލާ މަންޒަރު ކަމަށާއި އެ ނިޒާމުގައި ރައީސްގެ މަގާމަކީ ބާރެއް ނެތް، ނަމަކަށް އޮންނަ މަގާމެއް ކަމަށެވެ.

"ދަތް އުފުރާލާ މިނިކާވަގޭ އެއްގޮތް ވާނީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ރާއްޖޭގެ މަޒީގައި ބަރުލަނީ ނިޒާމްގެ "ހިތި ތަޖުރިބާ" ހަދާން އެބަ ހުރި ކަމަށާއި އެ "ހިތި ތަޖުރިބާ" އަލުން ތަކުރާރުވުމަށް ނޭދޭ ކަމަށެވެ.

ގާސިމް މިރޭ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައިވާއިރު، މިދިޔަ ނޮވެމްބަރު މަހު އެއް ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނާޝީދު ވިދާޅުވީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމަކީ އެމަނިކުފާނު އަބަދުވެސް ބޭނުންވާ ކަމެއް ކަމަށާއި އެއީ އެމަނިކުފާނުގެ ފިކުރު ކަމަށެވެ.

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ކޯލިޝަންގެ ބައިވެރިންނަށް ގުޅިގެން މަޖލީހަށް ކުރިމަތި ލާނެ ގޮނޑިތަކާމެދު އެއްބަސްވުމަކަށް ނާދެވިފައިވާ އިރު، ގާސިމް ދަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.