ގެއެއްގެ ފާރުގެ ބައެއް މީހެއްގެ ގައިމައްޗަށް ވެއްޓިއްޖެއެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިރޭ ހަތެއް ޖެހިއިރު ކަަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގައިފައިވަނީ ޗާންދަނީމަގުގެ ރެޑްބީ ފިހާރަ ކައިރީގައި ކަމަށެވެ. އަދި ވެއްޓުނު ބަޔަކީ އެގޭ ދެވަނަ ފަންގި ފިލާގެ ބެލްކަނީގެ ފާރުގެ ބައެކެވެ. ފުލުހުން މިހާރު ވަނީ އެ ފާރުގެ ބާކީ ބައިވެސް ސަލާމަތަށްޓަކައި ނަގައިފައެވެ.

ބެލްކަނީގެ ފާރުން ބައެއް ވެއްޓި ގާތައް ބިންމަތީގައި -- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވެފައިވަނީ 19 އަހރުގެ ފިރިހެނަކަށް ކަމަށާއި އަދި އޭނާއަށް އައިޖީއެމްއޗުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށެވެ.

އެ ހާދިސާގައި ޒަހަމްވި ޒުވާނާ ސަން އަށް މައުލޫމާތު ދެމުން ބުނީ އެ ހާދިސާ ހިނގީ އޭނާ އެ އިމާރާތުގެ ތިރީ ބުރީގައި ހުރި ސައިކަލެއްގައި އިށީނދެގެން އިންދާ ކަމަށެވެ. އަދި އެ ހާދިސާގައި ވެެއްޓުނު ފާރުބުރުން އޭނާގެ އަތް ޒަޚަމްވެ ފަހާފައިވާ ކަމަށެވެ. އޭނާގެ ބަނޑުގައިވެސް ވަނީ ބޭސް އަޅައިފައެވެ.

އެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ސައިކަލަކަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުން ވެފައިވާ ކަމަށްވެސް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.