05 Oct 2011, 19:52
އައްޑޫ ސިޓީގެ ދެ މަދަނީ ޖަމިއްޔާއަކާއި ގުޅިގެން ހިތަދޫ ސްކޫލްގެ ޕޭރެންޓް ޓީޗާ އެސޯސިއޭޝަން )ޕީޓީއޭ(އިން އެ ސްކޫލްގެ ޓީޗަރުންނަށް 20 ލެޕްޓޮޕް މިއަދު ހަދިޔާކޮށްފި އެވެ.
ޑިވެލޮޕް އައްޑޫ އާއި "ވެށި" ޖަމިއްޔާ އަދި ޕީޓީއޭ ގުޅިގެން ފަންޑްރެއިސްކޮށްގެން ހޯދި އޭސާ ބްރޭންޑްގެ 20 ލެޕްޓޮޕް ސްކޫލާ މިއަދު ހަވާލުކުރީ، މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެ ސްކޫލްގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.
ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ ހާލިދު މިރޭ ވިދާޅުވީ، އެ ލެޕްޓޮޕްތައް ހަދިޔާކޮށްފައިވަނީ އެ ސްކޫލްގެ ކްލާސްރޫމްތަކަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ، ޑިޖިޓަލް ކްލާސްރޫމްތަކަށް ބަދަލުކުރުމަށް އެހީވެދިނުމަށް ކަމަށެވެ. އަދި އެކަން ހާސިލް ކުރެވޭނީ ބެލެނިވެރިން ވެސް މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދީގެން ކަމަށް ޕީޓީއޭން ގަބޫލުކުރާ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.
"މިއަދަކީ ޓީޗަރުންގެ ދުވަހަށްވީމަ ޓީޗަރުންނަށް ސަޕްރައިޒްއެއް ދިނުމުގެ ގޮތުންނާއި އަންނަ އަހަރު ސްކޫލްގައި މޮޑަން، ޑިޖިޓަލް އެޑިއުކޭޝަން ތައާރަފްކުރަން ބޭނުންވާތީއާ، އެކަމުގައި ފުރަތަމަ ފިޔަވެއް ގޮތުގައި ޕީޓީއޭން ލެޕްޓޮޕްތައް ހަދިޔާކުރީ،" އަލީ ހާލިދު ވިދާޅުވި އެވެ.
އަދި ސްކޫލްތަކުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަކީ ގިނަ ފަސޭހަ ތަކެއް ލިބިގެންދާނެ ކަމެއް ކަމަށާއި ކުދިން ކިޔެވުމަށް ބަހައްޓާ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އަންނަ އަހަރު ހިތަދޫ ސްކޫލްގެ ހުރިހާ ކްލާސްރޫމްތަކެއް ޑިޖިޓަލް ކުރަން އުއްމީދުކުރައްވާ ކަމަށް ވެސް އަލީ ހާލިދު ވިދާޅުވި އެވެ.
"ޓާގެޓަކީ އެއީ. ނުވާނެ ކަމެކޭ ނުދެންނެވޭ. ފުރަތަމަ ފިޔަވަޅުގައި އެ އޮތީ ލެޕްޓޮޕްތައް ހޯދައިފަ. އެހެން ގޮސް ބައެއް ކަހަލަ ކަންތައްތައް އަދިވެސް ހުންނާނެ ކުރަން ޖެހޭ. އަދި ގާތްގަނޑަކަށް 15 ވަރަކަށް ލެޕްޓޮޕް އިތުރަށް ބޭނުންވޭ. މިކަން އެއްކޮށް ނިންމާލަން ދިހަ، ބާރަ ލައްކަ ރުފިޔާ ވަރު ބޭނުންވާނެ." ގްރޭޑް އެކަކުން އަށަކަށް ދެޖިންސުގެ ކުދިންނަށް ކިޔަވައިދޭ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
ޑިވެލޮޕް އައްޑޫގެ އޮފިޝަލަކު ވިދާޅުވީ، އެ އިނީޝިއޭޓިވް ހިތަދޫ ސްކޫލުން ފުރަތަމަ ނެގުމުން އެ ސްކޫލަށް މި ބުރުގައި އެހީވި ނަމަވެސް، ކުރިއަށް އޮތްތަނުގައި އިތުރު ސްކޫލްތަކުގައި ވެސް މޮޑަން އެޑިއުކޭޝަން ތައާރަފްކުރުމަށް އެ ޖަމިއްޔާއިން އެހީތެރިވާން ނިންމާފައިވާ ކަމަށެވެ.