21 Jan 2019, 18:22
ހުޅުމާލޭ މޫދަށް އެރޭ ސަރަހައްދުގައި ޕަބްލިކް ޝަވާ އޭރިއާ އެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން އިއުލާނު ކޮށްފިއެވެ.
އެ މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީގެ ފަރާތުން ހުޅުމާލޭ މޫދަށް އެރޭ ސަރަހައްދުގައި އާންމުންނަށް ހަދާ 'ޕަބްލިކް ޝަވާ އޭރިޔާ' އެއްގެ ގޮތުން އެ ސަރަހައްދުގައި ހުރި ރުއްތަކާއި ގަސްތަކުގައި ފެންމާގަނޑުތަކެއް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
ހުޅުމާލޭގައި ރޭގަނޑު މޫދަށް އެރެވޭނެ ގޮތް ހަދައި އެ ސަރަހައްދުން ސާފު ފެން ލިބޭނެ ގޮތް ހެދުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ހުޅުމާލޭ ބީޗުގައި ޕަބްލިކް ޝަވާ އޭރިއާ ގާއިމް ކުރުމާ ގުޅޭގޮތުން އެޗްޑީސީ އިން ބުނީ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ކުރިއަށްގެންދާ އެ މަސައްކަތަށް އެޗްޑީސީ އިން ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.
މީގެ ކުރިން ޕްލޭނިން މިނިސްޓްރީ އިން ވަނީ ހުޅުމާލޭ ބީޗު ސަރަހައްދުގައި ޕަބްލިކް ފާހާނަތަކެއް ހަދައިދޭނެ ބަޔަކު ހޯދަންވެސް އިއުލާނު ކޮށްފައެވެ.
ހުޅުމާލޭ ބީޗު ސަރަހައްދުގައި ރެސްޓޮރެންޓުތަކުން ގޮނޑި މޭޒު ބަހައްޓައިގެން ވިޔަފާރި ކުރާ މައްސަލަ ބޮޑުވެފައިވާއިރު، މި މަހުގެ ނިޔަލަށް އެތަންތަން ހުސްކުރަން އެޗްޑީސީ އިން ވަނީ އަންގައިފައެވެ.