20 Jan 2019, 13:25
މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ ފަޅު ތެރޭ އޮތް ސަފާރީއެއްގައި އެެއްޗެއް ގޮވައ،ި ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.
މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ ދިވެއްސަކާއި ބިދޭސީ އަކަށެވެ.
ފުލުހުން ބުނީ، ކ. އަތޮޅު ދިއްފުށި ކައިރީ އޮންނަ، މީރު އައިލެންޑް ރިސޯޓް ފަޅުތެރޭ އޮތް ސަފަރީއެއްގައި އެއްޗެއް ގޮވި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:50 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ، މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ ދިވެއްސަކާއި ސްރީލަންކާއަށް ނިސްބަތްވާ ރައްޔިތަކަށް ކަމަށެވެ. މި ދެމީހުންގެ މޫނާ ބަނޑު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިހާރު ރިސޯޓުން އެމީހުން ހުޅުމާލޭ، ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް ވަރަކަށް ރޯވެފައި ނުވާ ކަމަށާއި އަލިފާން ވެސް ނެތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ނަމަވެސް ސަފާރީގައި އެއްޗެއް ގޮވަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.