20 Jan 2019, 13:43
ރާއްޖޭގައި ގޯލްކީޕަރުން ތަމްރީނުކުރުމަށްޓަކައި، އެކަމަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމުގެ ގޮތުން ގޯލްކީަރ ޓްރެއިނަރސް ކޯސްތަކެއް އެފްއޭއެމްއިން ފަށައިފިއެވެ.
ވަރަށް ގިނަ ދުވަސްތަކެއްގެ ދިގު އިންތިޒާރަކަށް ފަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ގޯލްކީޕަރ ޓްރެއިނަރސް ތަމްރީން ކުރުމުގެ ލެވަލް އެކެއް، ދޭއް އަދި ތިނެއްގެ ކޯސްތަށް މިހާރު ވަނީ ފަށައިފައެވެ. މި ބުރުގެ ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން 24ގެ ނިޔަލަށެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) -- ފޮޓޯ// ފަޔާޒް މޫސާ
މިފަހަރުގެ ކޯސްތަކުގައި ބައިވެރިންނަށް ތަމްރީން ދެނީ އޭއެފްސީގެ އިންސްޓްރަކްޓަރެއް ކަމަށްވާ ޖަލާލް ބަޝަރްޒާދް މަހްބޫބީއެވެ.
މި ކޯސް ތަކުގެ މަގްސަދަކީ ރާއްޖޭގެ ގިނަ ގޯލް ކީޕަރުން ތަމްރީން ކުރުމުގެ އިތުރުން ތަމްރީން ކޮށްދޭނެ ކޯޗުންތަކެއް އުފެއްދުން ކަމުގައި އެފްއޭއެމް އިން ބުނެފައިވެއެވެ.
މީގެ އިތުރުން މި ކޯސް ތަކުގައި އެފްއޭއެމްގެ ކޯޗިންގް ލައިސެންސް އޮތް ކޮންމެ ބޭފުޅަކަށް ވެސް ބައިވެރި ވެވޭނެއެވެ.
ކޯހުގެ އިންސްޓުރަކްޓަރ ޖަލާލް ބަޝަރްޒަދް މަހްބޫބީ -- ފޮޓޯ/ ފަޔާޒް މޫސާ
ރާއްޖޭގައި ގޯލު ކީޕަރުންނާއި އަދި ގޯލު ކީޕަރުންނަށް ތަމްރީން ދޭނެ ހާއްސަ ކޯޗުން ނިސްބަތުން މަދު ކަމުގައި އެފްއޭއެމްއިން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް މި ކޯސް ތަކާއެކު މިކަން ހައްލުވެގެން ދާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ. އަދި މިއާއެކު އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ޕްރިމިއާ ލީގުގައި ކުޅެވޭނީ ހަމަ އެކަނި ދިވެހި ރާއްޖެއަށް ނިސްބަތްވާ ގޯލްކީޕަރުންނަށް އެކަނި ކަމަށް އެފްއޭއެމް އިނ ވަނީ ނިންމާފައެވެ.
"މިއީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ދުވަހެއް. ސަބަބަކީ ރާއްޖޭގައި މިވަގުތު ގިނަ ގޯލް ކީޕަރުންނާއި ކޯޗުން މިކަމަށް ތިބީ އިންތިހާއަށް ބޭނުންވެފައި. މިކަމުގެ ސަބަބުން ގޯލް ކީޕަރުންނާއި ކޯޗުންނަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިގެން ދާނެ." ޖަވާ ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ވެސް ހުނަރުވެރި ގޯލްކީޕަރުންތަކެއް އެބަ ތިބި ކަމަށާއި މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިއާ ދިވެހި ގޯލްކީޕަރެއް ހޯދުމަކީ މިކަމުގެ އަލިގަދަ ހެއްކެއް ކަމަށް ޖަވާ ވަނީ ބުނުއްވާފައެވެ.
ކުރީގެ ގޯލްކީޕަރު އަދި ކޯޗުކަން ކޮށްފައިވާ މައުރޫފް އަހްމަދު (މާއްޓޭ) -- ފޮޓޯ/ ފަޔާޒް މޫސާ
"މޮޅެތި ގޯލް ކީޕަރުން އުފެއްދޭނީ އެމީހުން ތަމްރީން ކުރާނެ އެކަމަށް ހާއްސަ ބައެއް ތިބެގެން. ވީމާ މި ފުރުސަތުގެ ބޭނުން ހިފައި އެންމެން އެކީ ގުޅިގެން ރާއްޖޭގައި މޮޅެތި ގިނަ ކީޕަރުން ތަކެއް އުފައްދަން މަސައްކަތް ކުރަންވީ. ވަރަށް އުފާވޭ މިފަދަ ކަމެށް ރާއްޖޭގައި ފަށާތީ،" ކުރީގެ ލެޖެންޑަރީ ކީޕަރު އަދި ކޯޗުކަން ކޮށްފައިވާ މައުރޫފް އަހުމަދު (މާއްޓޭ) މިއަދުގެ އެ ހަފްލާގައި ފާހަގަކުރެއްވިއެވެ.