05 Oct 2011, 18:16
މީގެ ހަތަރު އަހަރު ކުރިން ރަޖިސްޓްރީކޮށް، އަދި މިހާރު ހުއްޓުމަކަށް އައިސްފައިވާ މޯލްޑިވްސް މީޑިއާ އެސޯސިއޭޝަން ]އެމްއެމްއޭ[ އަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުން 456،000ރ. ދީފައިވާ ކަމަށް، ފައިނޭންސް މިނިސްޓްރީއާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބުނެފައިވާ މައްސަލައިގައި ކަން ހިނގި ގޮތް ބަލައި އެ ފައިސާ ބޭނުން ކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެ ޖަމިއްޔާގެ ކުރީގެ މެމްބަރުން ގޮވާލައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެމްއޭގެ ކުރީގެ ހިންގާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ، އެމްއެންބީސީގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޚަލީލް ވިދާޅުވީ އެ ޖަމިއްޔާ ހިންގި އިރުވެސް އަދި އޭގެ ފަހުން ވެސް މުސާރައެއް، އެލަވަންސެއް ދައުލަތުގެ ބަޖެޓުން ލިބިފައިނުވާ ކަމަށެވެ. ޚަލީލް ވިދާޅުވީ އެ ޖަމިއްޔާ ހިންގި އިރު ނުލިބުނު ފައިސާއެއް ފަހުން ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި އަމިއްލަ ޖަމިއްޔާއެއްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭނެ ކަމަށް ހަމަވިސްނުމުން ވިސާނާ އިރު ވެސް ގަބޫލު ނުކުރެވޭ ކަމަށެވެ.
ޚަލީލް ވިދާޅުވީ އެވާހަކަ މިހާތަނަށް ހާމަކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވި ލިޔުންތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދިނުމަށް އެދި މާލިއްޔަތު ކޮމެޓީއަށް މިއަދު ވަނީ ސިޓީއެއް ވެސް ފޮނުވާފައި ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވީ އެ ފައިސާ ކޮންމެ ބަޔަކު ބޭނުން ކުރި ނަމަވެސް އެއީ ކޮންބައެއްތޯ ފިނޭންސް މިނިސްޓްރީން ނުވަތަ މާލިއްޔަތު ކޮމެޓީ ވިޔަސް ބަލައި އެކަން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކަނޑައެޅިގެން ދަންނަވަން ކެރިދާނެ މިކަމުގައި ކޮންމެ ވެސް ފަރާތަކުން އިތުރުފުޅު އެބަ ހައްދަވާކަން. އަދި ކޮންމެ ފަރާތަކުން ވިޔަސް މިފައިސާ ބޭނުންކޮށްފައި އޮތް ނަމަ އަޅުގަނޑުމެން ބޭނުން އެއީ ކޮން ބައެއްތޯ ބަލަން،" ޚަލީލް ވިދާޅުވި އެވެ.
އެމްއެމްއޭގެ ކުރީގެ ބޯޑް މެމްބަރެއް ކަމަށްވާ، އަދި މިހާރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[ގެ ރައީސް ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ މިއީ ރާއްޖޭގެ މީޑިއާތަކުގެ ބޮލުގައި އެޅޭ ވަރަށް ބޮޑު ބަދުނާމެއް ކަމަށާއި އަދި މިކަމުން ދެވޭ މެސެޖަކީ ރާއްޖޭގެ މީޑިއާތައް ހިންގަނީ ދައުލަތުން ފައިސާދީގެން ކަމަށެވެ. އަދި އުވިފައި ހުރި މީޑިއާ ޖަމިއްޔާތަކަށް ވެސް ދައުލަތުން ފައިސާ ދޭ ކަމަށް މިކަމުން ދޭހަވާ ކަމަށް ވެސް ހިރިގާ ވިދާޅުވި އެވެ.
އެމްޖޭއޭގެ ރައީސް ވިދާޅުވީ އެ ފައިސާއަށް ވީގޮތް ބެލުމަށް އޮޑިޓް އޮފީހަށާއި އޭސީސީގެ ކިބައިން އެދޭކަމަށެވެ. އަދި އެކަން ހިނގިތާ 24 ގަޑިއިރު ވެގެން ދާއިރު ވެސް ފިނޭންސް މިނިސްޓްރީން އެއްވެސް އެއްޗެއް ވިދާޅުނުވެ އޮތުމަކީ ބައެއްގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އެޅިގެން ދިއުން ކަމަށް ވެސް ޒާހިރު ތުހުމަތު ކުރެއްވި އެވެ.
"ރާއްޖޭގެ މީޑިއާތަކުގެ ބޮލުގައި އެޅޭ ވަރަށްބޮޑު އިލްޒާމެއް މިއީ. އަޅުގަނޑުމެންނަށް އުފެދޭ އެންމެ ބޮޑު ސުވާލަކީ ދައުލަތުގެ ފަންޑު ކިހިނެތްތޯ މި ބޭނުންކުރަނީ. ކޮބައިތޯ މިކަމަށް އެކައުންޓަބަލްވާ ފަރާތްތަކަކީ. މިއީ ރައްޔިތުންގެ ފައިސާ، އެހެންވީމާ އެއަށް އިހްމާލުވާ ބަޔަކު އެ އިހްމާލުވި ގޮތް ހޯދާފައި ރައްޔިތުންނަށް އޭގެ ޖަވާބުދާރީ ވާން އެބަޖެހޭ މިއަދު،" ހިރިގާ ވިދާޅުވި އެވެ.
އެމްއެމްއޭގައި އެންމެ ފަހުން ހުންނެވި ރައީސް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އާޓްސްގެ ސްޓޭޓް މިނިސްޓާ ތޮއްޔިބު މުހައްމަދު ވިދާޅުވީ އިންފޮމޭޝަނުން އެފަދަ ޚަރަދެއް މިދިޔަ ދެ އަހަރުތެރޭ ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މިއީ ކިހިނެތް ހިނގައި ދިޔަ ކަމެއްތޯ ބެލުމަށް ފިނޭންސް މިނިސްޓްރީއާ ގުޅައިގެން ސާފުކުރެވޭތޯ ބެލި ނަމަވެސް މިއަދުގެ 3:00 ޖެހުމާ ހަމައަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި މިއީ ކޮންމެވެސް ކަހަލަ ފުށުއެރުމެއް ކަމަށް ވެދާނެ ކަމަށް ވެސް ތޮއްޔިބު ތުހުމަތު ކުރެއްވި އެވެ.
"ހަމަގައިމުވެސް މީޑިއާ އެސޯސިއޭޝަނަކުން ބޭނުން ކޮށްފައިކާ ނުވާނެ. އަދި ފަހުން އެ ނަމުގައި އިންފޮމޭޝަނަކުން ވެސް ދީފައި އެއްނޯންނާނެ،" ތޮއްޔިބު ވިދާޅުވި އެވެ.
މީޑިއާ އެސޯސިއޭޝަންގެ ހަރަކާތް ހުއްޓުނު އިރު، އެ ޖަމިއްޔާއަށް މެންބަރުންނާއި މީޑިއާ އިންސިޓިއުޓްތަކުން ދީފައިވާ ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ހުރީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސުގައި ތޮއްޔިބާއި ހަލީލާއި ހިރިގާގެ އިތުރަށް އެމްއެމްއޭގެ ކުރީގެ ހިންގާ ކޮމެޓީގައި ހިމެނިވަޑައިގެންނެވި، ވީޓީވީގެ މިހާރުގެ އެޑިޓަރު އިމާދު ލަތީފާއި އަދި އެމްއެންބީސީގައި މިހާރު މަސައްކަތް ކުރައްވާ ތޮއްޔިބު ޝަހީމު ބައިވެރިވެވަޑައިގަތެވެ.