ލުބްނާނުގައި ހޯމަދުވަހު ފަށާ އަރަބި ގައުމުތަކުގެ އިސްވެރިންގެ އިގްތިސާދީ ސަމިޓްގައި ބައިވެރިވެ ވަޑައިނުގަތުމަށް އަރަބި ގިނަ ގައުމުތަކުގެ ވެރިން ނިންމެވީ ލުބްނާނުގައި އުފެދިފައިވާ ސިޔާސީ ދެބަސްވުންތަކާއެކު އެތެރޭގެކަންކަން ދޯހަޅިވުމުގެ ސަބަބުން ކަމަށް އޮބްޒާވަރުން ބުނެފިއެވެ.

ލުބްނާނުގެ ސިޔާސީ މުހައްލިލެއް ކަމަށްވާ ނިޟާލް ޚާލިދު ވިދާޅުވީ ބައިރޫތުގެ ސަމިޓްގައި ބައިވެރިވެ ވަޑައިނުގަތުމަށް އަރަބި ގިނަ ގައުމުތަކުގެ ވެރިން ނިންމެވި ނިންމެވުމަކީ ލުބްނާނުގެ ސަރުކާރަށާއި ސިޔާސީ ފަރާތްތަކަށް ދިން މެސެޖެއް ކަމުގައެވެ. ލުބްނާނުގައި އާންމު އިންތިޚާބު ބާއްވައިގެން އައު ޕާލަމެންޓެއް އިންތިޚާބުކުރިތާ އަށް މަސްވެފައިވާއިރުވެސް ލުބްނާނުގެ ސިޔާސީ ފަރާތްތައްވަނީ ސަރުކާރެއް އެކުލަވާލުމުގައި ނާކާމިޔާބުވެފައެވެ.

ލުބްނާނުގައި ހިނގާ ސިޔާސީ އަރާރުންތަކުގެ ތެރޭގައިވަނީ އެއްކޮޅުން އެމެރިކާއާއި ސައޫދީގެ ނުފޫޒާއި އަނެއްކޮޅުން ސޫރިޔާއާއި އީރާނުގެ ނުފޫޒެވެ. މިފަހަރުގެ އިންތިޚާބުގައި ޕާލަމެންޓުން ގިނަ ގޮނޑި ހޯދީ ސޫރިޔާއާއި އީރާނުގެ ނުފޫޒު ހިނގާ ޕާޓީތަކުންނެވެ. މިއާއެކު އެމެރިކާއާއި ސައޫދީ އަށް ތާއީދު ކުރާ ފަރާތްތަކުގެ ފިއްތުންތައް ބޮޑުވެ އައު ސަރުކާރެއް އެކުލަވާލުމުގައި ލުބްނާނުގެ ލިޑަރުންވަނީ ނާކާމިޔާބުވެފައެވެ.

މިދިޔަ ހަފްތާގައި ލުބްނާނަށް ވަޑައިގެންނެވި އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ޑޭވިޑް ހިލް ވަނީ ލުބްނާނުގައިވާ އީޜާނުގެ ނުފޫޒާ ދެކޮޅަށް އެމެރިކާ މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ. ހިލް މިހެން ވިދާޅުވެފައިވާއިރު އެމެރިކާއާއި ސައޫދީގެ ނުފޫޒުވެސް ލުބްނާނުގައި ވަކި ކުޑައެއް ނޫނެވެ. މދިޔައަހަރު ލުބްނާނުގެ ބޮޑުވަޒީރު ސައުދުލް ހަރީރީ ސައޫދީ އަށް ކުރެއްވި ދަތުރުފުޅެއްގައި ސައޫދީ ސަރުކާރުން ހަރީރީއަށް ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި އޭނާ ހައްޔަރުކޮށްފައިވަނިކޮށް މިނިވަންކޮށްދިނީ ފަރަންސޭސި ސަރުކާރު ސައޫދީ މަސްއޫލުވެރިންނާ ވާހަކަ ދައްކައިގެންނެވެ.

ބައިރޫތުގެ އިގްތިސާދީ ސަމިޓްގައި ބައިވެރިވެ ވަޑައިނުގަތުމަށް އަރަބި ގިނަ ގައުމުތަކުގެ ވެރިން ނިންމަވާފައި ވަނިކޮށް ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު ވަނީ އެސަމިޓްގައި ބައިވެރިވުމަށް ނިންމަވާފައެވެ. ގަތަރު ޚާރިޖީ ވުޒާރާއިން ބުނީ ބައިރޫތުގައި މަދަމާ ފަށާ އަރަބި އިގްތިސާދީ ސަމިޓްގައި ބައިވެރިވާ ގަތަރުގެ ވަފްދުގެ އިސްވެރިއަކަށް ހުންނަވާނީ އަމީރު ޝައިޚް ތަމީމް ކަމުގައެވެ.

ތަމީމްގެ އަރިހުގައި ބައިރޫތަށްދާ ގަތަރުގެ ވަފްދުގައި އެގައުމުގެ ޚާރިޖީ ވަޒީރާއި އިގްތިސާދާބެހޭ ވަޒީރާ އަދި ގަތަރުގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެކަމަށްވެސް އެގައުމުގެ ޚާރިޖީ ވުޒާރާ ބުނެފައިވެއެވެ. ގަތަރުގެ އަމީރުގެ އިތުރުން ބައިރޫތުގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވަނީ އަރަބި އެކާވީސް ގައުމުގެ އިސްވެރިންގެ ތެރެއިން މޮރިޓޭނިޔާގެ ރައީސާއި ސޮމާލިޔާގެ ރައީސް އެކަންޏެވެ.

އަރަބި އެހެންގައުމުތަކުން ވަނީ އެގައުމުތަކުން އެސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނީ އެންމެ އިސްވެރިން ނޫންކަމާ ދެވަނަ ދަރަޖައިގެ ވެރިންކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން ލުބްނާނުގެ ސަރުކަރުން ވަނީ ދެރަވާކަން ހާމަކޮށްފައެވެ. އަރަބި ވެރިން ވަޑައިގަންނަވާނެކަން ކުރިން އަންގާފައިވާތީ ލުބްނާނުންވަނީ ސަމިޓްގެ ތައްޔާރީތަކަށް 10 މިލިޔަން ޑޮލަރުވެސް ޚަރަދުކޮށްފައެވެ.