ރާއްޖެ އިން ބޭރުގައި ހަދާ އަސްކަރީ ތިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އެމްއެންޑީއެފުން އާންމުކޮށް ހުޅުވާލައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި ކޯސް ފުރިހަމަކުރާ ފަރާތްތައް އެމްއެންޑީއެފްގެ އޮފިސަރެއްގެ ގޮތުގައި ކޮމިޝަން ކުރެވޭނެ ކަމަށެވެ. އަދި އެމްއެންޑީއެފަށް ލިބިފައިވާ ފުރުސަތުތަކަކީ ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑު އެކަޑެމީ ކޯހާއި އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީ ކޯހާއި ޕާކިސްތާން ނޭވީގެ އޮފިސަސް ކޮމަން ބޭސިކް ކޯހެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންނެވެ.

ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑު އެކަޑަމީން 2012 ވަނަ އަހަރުން ފެށިގެން ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހުގައި އަޝްކަރީ އިލްމުގެ އިތުރުން ބެޗްލާ އޮފް ސައިންސްގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލްކުރުމަށް ފުރުސަތު ލިބެ އެވެ. އަދި ޕާކިސްތާނުގެ ނޭވީގެ ފަރާތުންދޭ ފުރުސަތަކީ ޕީއެންއެސް ބަހާދުރުގައި ކުރިއަށްގެންދާ އޮފިސަރުން ތަމްރީނު ކުރާ ކޯސްތަކުގެ ތެރެއިން ބެޗެލާ އޮފް މެކޭނިކަލް އިންޖިނިއަރިން ނުވަތަ ބެޗެލާ އޮފް ސައިންސް އިން މެނޭޖްމަންޓް އިންފޯމޭޝަން ސިސްޓަމްސް ނުވަތަ ސަޕްލައި ޗެއިން މެނޭޖްމަންޓް ނުވަތަ ނޭވަލް އެޑްމިނިސްޓްރޭޝަން ދާއިރާ އިން ޑިގްރީ ހާސިލްކުރުމަށް ލިބިފައިވާ ފުރުސަތެކެވެ. މިކޯހުގެ މުއްދަތަކީ 104 ހަފްތާ އެވެ.

މީގެއިތުރުން އިންޑިއާގެ ޕޫނާގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑަމީން އެމްއެންޑީއެފްއަށް ދީފައިވާ ކޯހަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރުވެފައިވާ އަދި އަންނަ ޖެނުއަރީ 1 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ ދިވެއްސެއް ކަމުގައިވާން ޖެހެ އެވެ. އަދި މިކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަކީ މިތަމްރީނުތައް ފުރިހަމަކުރެވޭނެ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ހަށިހެޔޮ މީހަކަށް ވާންޖެހޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން އެމީހެއްގެ ސީވީއާއި ކޯސް އެޕްލިކޭޝަން ފޯމް އަދި ތައުލީމީ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތް ނަކަލްތަކާއެކު އެމް.އެން.ޑީ.އެފް އަށް ފޮނުވުވަން ޖެހޭނެ ކަމަށާއި މިކޯސްތައް ފުރިހަމަ ކުރާ ފަރާތްތަކުން އެމްއެންޑީއެފްއިން ކަނޑައަޅާ ޤާނޫނީ އެއްބަސްވުމެއްގެ ދަށުން ވަކި މުއްދަތެއް ވަންދެން އެމްއެންޑީއެފްގައި ހިދުމަތްކޮށްދޭން ޖެހޭނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.