05 Oct 2011, 17:28
މާލޭގައި ގެދޮރު ހުރި މެންބަރުންގެ ލިވިން އެލަވަންސް ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ އިމްތިޔާޒުގެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، މާލޭގައި ގެދޮރު ހުރި މެންބަރުން ރައްޔިތުންގެ މަޖިލީހުންދޭ މުސާރައިގެ ތެރޭގައި ލިވިން އެލަވަންސްގެ ގޮތުގައި ހިމެނޭ 20،000ރ. ނަގަން ނުޖެހޭނެ ކަމަށެވެ. އަދި ކޮންމެ މެންބަރަކަށް މަޖިލީހުންދޭ މުސާރަ އާއި އެލަވަންސްގެ ތެރެއިން 20،000ރ. އެލަވަންސް މާލޭގައި ގެދޮރު ހުރި ބޭފުޅުން ނަންގަވަނީ ކީއްވެގެންތޯ ވެސް އިލްހާމް ސުވާލު ކުރެއްވި އެވެ.
މަޖިލީހުގެ މެންބަރުންގެ 20،000ރ.ގެ ކޮމިޓީ އެލަވަންސްގެ މައްސަލައިގައި މަދަނީ ޖަމްއިއްޔާތަކުން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ފާޑުވިދާޅުވަމުން އިލްހާމް ވިދާޅުވީ، ޑޮލަރުގެ އަގު ބޮޑުވި މައްސަލަ އާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކަށް ނިސްބަތްވާ ކުންފުންޏަކަށް 21 މިލިޔަން ޑޮލަރުގެ އަގަކަށް ތިލަފުށީގެ ބައެއް ހިއްކަންދިން މައްސަލަ އާއި ޖީއެސްޓީ ނަގަން ފެށުމުން ރައްޔިތުންނަށް ދިމާވި ދަތިތައް މަދަނީ ޖަމްއިއްޔާތަކަށް ފެނިފައިނުވާ ކަމަށެވެ. އަދި ގާނޫނު އަސާސީ ޑްރާފްޓް ކުރުމަށްޓަކައި ވަކި ގެއަކުން ނެގި ފައިސާތައް ކޮބައިތޯ އާއި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އެ ފައިސާތަކުގެ ތަފްސީލް ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި އެކަން ކުރި މީހުންގެ މައުލޫމާތު ވެސް ވަރަށް އަވަހަށް މީޑިއާ އަށް ހާމަކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގަނޑުކޮޅެއް ހިފައިގެން އެކަމުގައި އުޅެނީ އިބްރާ ]ޕޮލިޓިކަލް އެޑްވައިޒާ ޓުދަ ޕްރެޒިޑެންޓް އިބްރާހިމް އިސްމާއިލް[ ގެންގުޅޭ ކުދިން ކޮޅެކޭ ދެންނެވޭނީ. ގާނޫނު އަސާސީ ޑްރާފްޓް ކުރުމުގައި ވެސް އެތައް މިލިޔަން ރުފިޔާއެއް މިތަނުން ނަގާފައި ވަނީ. އެމީހުން ކޮބައިތޯ،" އިލްހާމް ސުވާލު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ މަދަނީ ޖަމިއްޔާތައް މަސައްކަތް ކުރަނީ ވަކި ބޭފުޅެއް ބޭނުންވާ ކަންކަން ފުއްދުމަށް ކަމަށެވެ. އަދި ބިރު ދައްކައިގެން 20،000ރ. ނެގުން ހުއްޓުވައި ނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.