19 Jan 2019, 23:10
ޖަރުމަނުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ވޯޓާ ސްޕޯޓްސް ފެއާ، 50 ވަނަ "ބޫޓް" ފެއާގައި ރާއްޖޭގެ ފަރާތުން ފަސް ކުންފުންޏެއް ބައިވެރިވެއްޖެ އެވެ.
68 ގައުމަކުން، 1900 ބައިވެރިން ބައިވެރިވާ މި ފެއާގައި 14 ކެޓަގަރީއަކުން ތަކެތި ދައްކާލާނެއެވެ. މިއަދުން ފެށިގެން މިމަހު 27 އަށް ފެއާ ކުރިއަށް ދާނެ އެވެ.
މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، ރާއްޖޭގެ ފަރާތުން ފަސް ކުންފުންޏަކުން 10 ބައިވެރިން މި ފެއާގައި ބައިވެރިވާކަމަށެވެ.
އެމްއެމްޕީއާރުސީ އިން ބުނި ގޮތުގައި، މި ފެއާ އަކީ ރާއްޖޭގެ ކަނޑުގެ އަޑީގެ ރީތަކަން އިޝްތިހާރު ކުރުމަށް މުހިންމު މަންސައެއް ކަމަށެވެ. އަދި މިއަހަރުގެ ފެއާ ބާއްވާ ޖަރުމަނަކީ ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުން ކުރާ ދެވަނައަށް އެންމެ ބޮޑު މާކެޓް މަސްދަރު ކަމަށެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ޖަރުމަނުން 106,660 ޓޫރިސްޓުން ރާއްޖެ އައިސްފަވެއެވެ. އެއީ 3.5 ޕަސަންޓް ކުރިއެރުމެކެވެ. އަދި މާކެޓް ޝެއާގެ އަށް ޕަސެންޓެވެ.

ފަންސާސް ވަނަ "ބޫޓް" ފެއާގެ ރާއްޖޭގެ ސްޓޯލް -- ފޮޓޯ/ އެމްއެމްޕީއާރުސީ
މިއަހަރުގެ ފެއާ ހާއްސަ ކުރެވިފައިވަނީ "360 ވޯޓާ ސްޕޯޓާސް އެކްސްޕީރިއަންސް" އަށެވެ.
މި ފެއާގެ ތަކެތި އާއި ހަރަކާތްތަށް ބަލައިލުމަށް 90 ގައުމަކުން 25،000 މީހުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. މި ފެއާގައި ފީނުން، ރާޅާއެރުން، ވޯޓާ ސްޕޯޓާސް އަދި އިލެކްޓްރޯނިކް ސްޕޯޓްސްގެ ހަރަކާތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.
ނުވަދިހަ ނުވަ ޕަސަންޓް ކަނޑު ހިމެނޭ ރާއްޖޭގެ ކަނޑުގެ އަޑީގެ ރީތިކަމާއި އެހެން ގައުމުތަކާ ތަފާތު ކަމުގެ ސަބަބުން ގިނައަދަދެއްގެ ފަތުރުވެރީން ފީނުމަށް އެކަނި ވެސް ކޮންމެ އަހަރަކު ރާއްޖެ އާދެއެވެ.
ސެޕްޓެމްބަރު، 2016 ވަނަ އަަހަރު ހެދި ރާއްޖޭގެ ވިޒިޓާސް ސާވޭ ދައްކާ ގޮތުން 16 ޕަސަންޓް ފަތުރުވެރީން ރާއްޖެ އަންނަނީ ރާއްޖޭގެ ކަނޑު އަޑީގެ ރީތި ކަމުގެ ސަބަބުންނެވެ.