ވޮޝިންޓަން (ޖަނަވަރީ 19) : އެމެރިކާގެ ފެޑްރަލް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމުގެ މައްސަލަ ދިގުލައިގެންދިޔަނަމަވެސް އެކަން ހުއްޓުވުމަށް ކުއްލި ނުރައްކަލުގެ ޙާލަތު އިއްލާން ނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފޮކްސް ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ މެކްސިކޯއާއި އެމެރިކާއާ ދެމެދު ރޭނުމަށް ޕްލޭންކޮށްފައިވާ ފާރުގެ ޚަރަދަށްވާ ފަހެއް ޕޮއިންޓް ހަތެއް ބިލިޔަން ޑޮލަރު ހޯދުމަށް ޓަކައި ކުއްލި ނުރައްކަލުގެ ޙާލަތު އިއްލާން ނުކުރައްވާނެ ކަމަށާ އެފައިސާ ހޯދަން ބޭނުންވަނީ ކޮންގްރެސްގެ މެންބަރުންނަށް ވިސްނައިދީގެން އެމެރިކާގެ ފެޑްރަލް ބަޖެޓްގައި އެފައިސާ ހިމަނައިގެން ކަމުގައެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިއްލާންކޮށްފިނަމަ އެމެރިކާގެ ޑިޒާސްޓަރ މެނޭޖްމަންޓަށް ކަނޑައަޅާފައިވާ ބަޖެޓުން ފައިސާ ޚަރަދު ކުރުމުގެ ގާނޫނީ ބާރު އެމެރިކާގެ ރައީސް ގެ ހައިސިއްޔަތުން ޓްރަމްޕަށް ލިބިވަޑައިގަންނަވާނެއެވެ. އެބަޖެޓްގައި މެކްސިކޯއާއި އެމެރިކާއާ ދެމެދު ރާނަން ޓްރަމްޕް ބޭނުންވާ ފާރުގެ ޚަރަދަށްވާ ފަހެއް ޕޮއިންޓް ހަތެއް ބިލިޔަން ޑޮލަރަށްވުރެ މާގިނަ ފައިސާ އެބަހުއްޓެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މެކްސިކޯއާއި އެމެރިކާއާ ދެމެދު ފާރެއް ރާނައިގެން އެމެރިކާއަށް ގަވައިދާ ޚިލާފަށް ވަންނަ މީހުން ހުއްޓުވުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދަކަށްވާތީ އެކަމަށް ބޭނުންވާ ފަހެއް ޕޮއިންޓް ހަތެއް ބިލިޔަން ޑޮލަރު ބަޖެޓްގައި ހިމެނުން ނޫން އެހެން ގޮތެއް ގަބޫލުނުކުރައްވާނެ ކަމަށް ޓްރަމްވަނީ ވިދާޅުވެފައެވެ. ނަމަވެސް މިކަން ގަބޫލުކުރުމަށް ކޮންގްރެސް އިން ދެކޮޅު ހެދުމުން ބަޖެޓް ފާސްނުވެ މިދިޔަ ޑިސެމްބަރު މަހުގެ ބާވީސްވަނަ ދުވަހުން ފެށިގެން އެމެރިކާ ގެ ފެޑްރަލް ސަރުކާރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.

ފެޑްރަލް ސަރުކާރުގެ އޮފިސްތައް ބަންދުކުރުމުގެ ސަބަބުން އެމެރިކާއަށް ލިބޭ ގެއްލުންތައް ހަފްތާއަކު ދެ ބިލިޔަން ޑޮލަރަށް އަރާކަމަށް އެމެރިކާގެ މާލީ ޚިދްމަތްތަކާބެހޭ ކޮންސަލްޓޭޝަން ދޭ ކުންފުންޏެއްކަމަށްވާ "ވެލްސް ފާގޯ" އިން ބުނެއެވެ. ފެޑްރަލް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވުމުގެ ސަބަބުން އެމެރިކާގެ ޓެކްސް ނިޒާމަށް ބުރޫއަރަނީ ޓެކްސް ފައިސާ ޖަމާކުރާ މުއައްސަސާތައްވެސް ބަންދުކޮށްފައިވާތީއެވެ. ޓެކްސް ފައިސާ ޖަމާނުކުރެވުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް ސަތޭކައެއްހާ މިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބެމުންދާކަމަށް "ވެލްސް ފާގޯ" އިން ދާދިފަހުން ނެރުނު ރިޕޯޓްބުނެއެވެ.

މިމައްސަލައާއެކު ފާއިތުވި މަހެއްހާ ދުވަހު ފެޑްރަލް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވުމުގެ ސަބަބުން މެކްސިކޯއާއި އެމެރިކާއާ ދެމެދު ރޭނުމަށް ޕްލޭންކޮށްފައިވާ ފާރަށް ހިނގާ ފަހެއް ޕޮއިންޓް ހަތެއް ބިލިޔަން ޑޮލަރަށްވުރެ މާބޮޑު ގެއްލުމެއް އެމެރިކާގެ ފެޑްރަލް ސަރުކާރަށް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. (ނޫސްއެޖެންސީތައް)