19 Jan 2019, 20:35
ސިޑްނީ (ޖަނަވަރީ 19) : އޮސްޓްރޭލިޔާއަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެގައުމުގެ ބައެއް ސަރަހައްދުތަކުގެ ތާރުތައް ވިރެން ފަށައިފިއެވެ.
އޮސްޓްރޭލިޔާގެ މިޑިޔާ ބުނާގޮތުން މިއަހަރުގެ ހޫނު މޫސުމުގައި އަންނަމުންދާ ހޫނުގެ އޮއިވަރުތަކުގައި "އިވޯޝޮޕް" ސަރަހައްދުގެ މަގުތަކުގައިވާ ތާރުތައްވަނީ ވިރެން ފަށާފައެވެ. "އިވޯޝޮޕް" އަކީ ސިޑްނީގެ އުތުރުން 373 ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ. އެރަށުގެ ހައިވޭގެ އެކި ތަންތަނުގައި ވާ އެސްފަލްޓް (ތާރުގަނޑު) ވިރި ދިޔާވުމުގެ ސަބަބުން އެމަގުން ދަތުރުކުރާ ވެހިކަލްތަކުގެ ފުރޮޅުތަކުގައިވަނީ އެސްފަލްޓް ތަތްލާން ފަށާފައެވެ.
އޮސްޓްރޭލިޔާގެ ގިނަ ސަރަހައްދުތަކުގެ ފިނި ހޫނުމިން އެވްރެޖްގޮތެއްގައި މިހާރު އުޅެނީ ތިރީސް ނުވައަކުން މަތީގައެވެ. "އިވޯޝޮޕް" ގެ ހައިވޭގައިވާ އެސްފަލްޓްތައް ވިރިގެންދިޔައިރު އެސަރަހައްދުގެ ފިނި ހޫނުމިންވަނީ ސާޅީސް ހަތަރަކަށްވުރެ މަތީގައެވެ. އެސްފަލްޓްތައް ވިރިގެންދިޔުމާއެކު އެސަރަހައްދުގެ ލޯކަލް ސަރުކާރުންވަނީ އެމަގު ބަންދުކޮށް ފެންޖަހައި ފިނިކޮށްގެން ވަގުތީގޮތުން މައްސަލަ ހައްލުކޮށްފައެވެ.
އޮސްޓްރޭލިޔާގެ މޫސުމާބެހޭ އިދާރާއާ ހަވާލާދީ އެގައުމުގެ އޭބީސީ ޓީވީ ނެޓްވޯކް ބުނާގޮތުން އެގައުމުގެ ގިނަ ސިޓީތަކުގައި މިދިވަސްވަރު ރޭގަނޑުގައިވެސް ތިރީސް ހަތަރަކަށް ހޫނުމިން އަރައެވެ. ސިޑްނީގައިވެސް ކަނޑުގެ އައްސޭރި ފަށުގެ ސަރަހައްދުތައް ފިޔަވައި އެހެން ހިސާބުތަކުގެ ފިނި ހޫނުމިން ދުވާލު ސާޅީހުން މަތީގައި ހުރެފައި ރޭގަނޑު ހުންނަނީ ތިރީހާއި ތިރީސް ދޭކާ ދެމެދުގައެވެ. ނަމަވެސް ކަނޑުގެ އައްސޭރި ފަށާ ގުޅިފައިޥާ ހިސާބުތަކުގައި ރޭގަނޑު ތިރީހަށްވުރެ ދަށަށް ފިނި ހޫނުމިން ދެއެވެ. (ނޫސްއެޖެންސީތައް)