ބ. އަތޮޅު ތުޅާދޫ ކައުންސިލުގައި ހިމެނިވަޑައިގެންނަވާ އުމޭރާ އަބޫބަކުރު ވަކިކުރުމަށް ތުޅާދޫ ކައުންސިލުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ކަނޑައަޅައި ތުޅާދޫ ކައުންސިލްގެ ބައި-އިލެކްޝަން ބޭއްވުމަށް އަނެއްކާ ވެސް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އަންނަ ނޮވެންބަރު19،ގައި ތުޅާދޫ ކައުންސިލްގެ ބައި- އިލެކްޝަންސް ބޭއްވުމަށް އެކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށާއި ދެވަނަ ފަހަރަށް ބައި-އިލެކްޝަން ބޭއްވުމަށް ނިންމީ އެ ކައުންސިލުން އުމޭރާ ވަކިކޮށްފައި ވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންތޯ ކަނޑައެޅުމަށް، ހައިކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ކަންތައްތައް ބެލިބެލުމުން ތުޅާދޫ ކައުންސިލްގެ އެނިންމުމަކީ ސައްހަ ނިންމުމެއް ކަން އިލެކްޝަންސް ކޮމީޝަނަށް ފާހަގަކުރެވިގެން ކަމަށެވެ.

"ހައިކޯޓުގެ ހުކުމާ އެއްގޮތަށް އެކަމާ ބެހޭ ހުރިހާ ލިޔެކިޔުންތައް ހޯދުމަށް ފަހު ބެލިބެލުމުން އެކައުންސިލަރުގެ މަގާމު ގާނޫނާ އެއްގޮތަށް ހުސްވެއްޖެކަން ވަނީ ކަށަވަރުވެފައި،" ފުއާދު ވިދާޅުވި އެވެ.

ތުޅާދޫގެ ކައުންސިލްގެ ބައި-އިލެކްޝަނެއް ބޭއްވުމަށް މިދިޔަ ޖުލައި މަހުގެ ހަ ވަނަ ދަވަހު އިލެކްޝަނުން އިއުލާން ކުރުމާ ގުޅިގެން، ޑީއާރްޕީން ހުށަހެޅި މައްސަލައަކާ ގުޅިގެން ޝަރީއަތުގައި ފާހަގަ ކުރެވުނު ނުކުތާތަކަށް ބުރަވެ، ބައި އިލެކްޝަން ހުއްޓާލަން ޖެހޭނެ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

އުމައިރާ ތުޅާދޫ ކައުންސިލުން ވަކިކޮށްފައި ވަނީ އެކައުންސިލްގެ ހަތް ޖަލްސާއަކަށް ޖެހިޖެހިގެން ހާޒިރު ނުވާ ކަމަށް ކައުންސިލްގެ މެންބަރުންގެ އިއްތިފާގުންނެވެ.