އައިޖީއެމް އެޗުގައި ފަރުވާ ދެމުންދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ޖަލަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ އަދީބު ޖަލަށް ބަދަލުކުރުމުގެ މަސައްކަތުގައި ކަރެކްޝަންސް އަށް ފުލުހުންގެ އެހީތެރިކަން ދެމުންދާ ކަމަށެވެ.

އަދީބު ޖަލުގައި ހުންނަވަނިކޮށް ހާލު ސީރިއަސްވެގެން އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓުކޮށްގެން ފަރުވާދޭން ފެށީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރި ޓްވީޓެއްގައި ބުނީ އަދީބު ޖަލަށް ބަދަލުކުރަނީ ފަރުވާ ފުރިހަމަ ނުކޮށް ކަމަށާއި އެކަން އެގޮތަށް ކުރަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ނުފޫޒުން ކަމަށެވެ.

އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލައެއް މުގުރާލުމަށް ނޮވެމްބަރު މަހު ވަނީ އައިޖީއެމްއެޗުގައި އޮޕަރޭޝަނެއް ކޮށްފައެވެ. އޭގެ ފަހުން އައިޖީއެމްއެޗުގައި ފަރުވާދިނުމަށްފަހު އަދީނު ގޭބަންދަށް ބަދަލުކުރީ ނޮވެމްބަރު 27ގައެވެ. ގެއަށް ބަދަލުކުރިފަހުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީއަށް ސޮއިކުރައްވާ ޕާޓީގެ ކަންކަމުގައި އުޅުއްވިއެވެ.

އަދީބު ގޭބަންދުގައި ހުންނަވަނިކޮށް މިމަހުގެ ކުރީކޮޅު އަނބުރާ ޖަލަށް ގެންދިޔައީ ޑޮކްޓަރުގެ އިލްތިމާސްއާ ހިލާފަށް ކަމަށްބުނެ އާއިލާއިން ވަނީ ބުނެފައެވެ. މާފުށީ ޖަލުގައި ހުންނަވަނިކޮށް އަދީބު ފަހުން މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދިނީ ހާލު ސީރިއަސް ވެގެންނެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒު ކުރައްވަމުންނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.