ސަރުކާރު ކޯލިޝަން ދެމެހެއްޓުމަށް އަދާލަތުޕާޓީއިން މަސައްކަތްކުރާނެ ކަމަށް އެ ޕާޓީ އިން ބުނެފިއެވެ.

އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް އަޣުލަބިއްޔަތު ހޯދައިދިނުމަށް އެ ޕާޓީ އިން މަސައްކަތް ކުރާނެ ކަމަށެވެ.

"ޕާޓީގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ޤައުމުގެ ހަމަޖެހުމަށް އިސްކަންދީގެން ކުރިއަށްދިއުމަކީ އަދާލަތު ޕާޓިގެ އަބަދުވެސް ވިސްނުން،" އެ ޓްވީޓުގައި ބުނެފައިވެއެވެ.

އަދާލަތު ޕާޓީ އިން މިހެން ބުނެފައިވާއިރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކާއެކު މަޝްވަރާކޮށް ކޯލިޝަން ހަދަން ޖޭޕީ އިން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ.

ގާސިމް މިފަދަ މޭރުމަކުން ރޭ ޓްވީޓު ކުރައްވާފައިވާއިރު ސަރުކާރު ހިންގާ ކޯލިޝަން އެކުގައި މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ބަދަލުގައި އެމްޑީޕީ އިން މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމުން ގާސިމް އާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރައްވައިފައެވެ.

އެމްޑީޕީ ޕްރައިމަރީގެ ނަތީޖާ އިއުލާނު ކުރަމުންދިޔަ ވަގުތު ގާސިމް ރޭ ވިދާޅުވީ "މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖޭޕީ ތައްޔާރު ވެއްޖައިން" ކަމަށެވެ. އަދި އެމްޑީޕީ އަށް ފާޑު ވިދާޅުވެ ގާސިމް ކުރެއްިވ ޓްވީޓެއްގައި ވިދާޅުވީ މްޑީޕީއަށް ވެރިކަން ލިބުނީމަ މިފަހަރުވެސް ޖޭޕީ މަގުމައްޗަށް އެއްލާލީ ކަމަށެވެ. އަދި ޖޭޕީއަށް މިޖެހުނީ މިފަހަރުވެސް ސަލާން ޖަހަންކަމަށް ގާސިމް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާ ދެމެދު މައްސަލަތަކެއް އުފެދި ކޯލިޝަން ރޫޅިދާނެ ކަމުގެ ބިރު ހީވެފައިވާއިރު އެމްޑީޕީ އިން ރޭ ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެމްޑީޕީގެ ބޮޑުބައެއް ރައްޔިތުންގެ މަޖިލީހުގައި އޮންނަން ޖެހޭ ކަމަށެވެ.

ކޯލިޝަންގަިއ ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވެސް ވަނީ ކޯލިޗަން ރޫޅުނަ ނުދީ ހިފެހެއްޓުމަށް ގޮވާލައްވައިފައެވެ.