05 Oct 2011, 17:11
ހއ. ދިއްދު އާއި ޅ. ހިންނަވަރަށް ސާފު ބޯފެން ފޯރުކޮށްދިނުމަށާއި ދެ ރަށުގެ ނަރުދަމާގެ ނިޒާމް ހަރުދަނާކޮށް، ކުނި ނައްތާލުމުގެ ނިޒާމް ގާއިމްކުރުމަށް އެމެރިކާގެ އެހީގައި، 7.1 މިލިއަން ޑޮލަރު ]109.5 މިލިއަން ރުފިޔާ[ގެ ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ނިންމައިފި އެވެ.
އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރީޝިއާ ބުޓެނިސް އާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ސަފީރު ވިދާޅުވީ، ޔޫއެސް އެއިޑް މެދުވެރިކޮށް ދޭ އެހީގެ ދަށުން ހިންނަވަރާއި ދިއްދޫގައި އެ ޕްރޮޖެކްޓް ހިންގަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެ ރަށްތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ސަލާމަތްވުމަށް އެހީވުމަށް ކަމަށެވެ.
އެގޮތުން އެ މަޝްރޫއުގެ ދަށުން އެ ދެ ރަށަށް ކުރިމަތިވެފައިވާ ސާފު ބޯފެން ނުލިބުމުގެ މައްސަލަ ހައްލު ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރާނެ ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި ދެ ރަށުގެ ފެން ފަށަލަ ތަޣައްޔަރުވުން ހުއްޓުވުމަށް ހަރުދަނާ ނަރުދަމާގެ ނިޒާމަކާއި އަދި ކުނި ނައްތާލެވޭނެ ގޮތްތަކެއް ގާއިމްކުރެވޭނެ ކަމަށް ވެސް ޕެޓްރީޝިއާ ވިދާޅުވި އެވެ.
"މި މަޝްރޫއު ކާމިޔާބުކުރުމަށް ދެ ރަށުގެ ރައްޔިތުން ހޭލުންތެރިކުރުމަށް އެޑިއުކޭޝަން އަދި ޓްރެއިިނިން ޕްރޮގްރާމްތަކެއް ހިންގޭނެ. އޭރުން ސިސްޓަމްތައް އިންސްޓޯލްކޮށް ނިމުމުން ރައްޔިތުން އަމިއްލައަށް އެކަން މެނޭޖްކޮށް، މެއިންޓަނަންސްގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ،" ޕެޓްރީޝިއާ ވިދާޅުވި އެވެ.
އަދި ރަށް ގިރުން ފަދަ ތިމާވެށީގެ އިތުރު މައްސަލަތަކަށް ހައްލު ހޯދުމަށް ވެސް އެހީތެރިވެދޭނެ ކަަމަށް އެކަމަނާ ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، ހިންނަވަރާއި ދިއްދޫގައި އެޕްރޮޖެކްޓުތައް ހިންގަނީ އާބާދީ ބޮޑު ރަށްތަކެއް ކަމުގައިވާތީ ކަމަށާއި އަދި ދެ ރަށަށް ވެސް ސާފު ބޯފެން ނުލިބުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ ކަމަށެވެ. އަދި އެމެރިކާ އިން ވެދިން އެހީއަކީ އެރަށްތަކަށް ކުރިމަތިވެފައިވާ ބޯފެނުގެ މައްސަލަ ހައްލުކުރަން ލިބުނު ވަރަށް ބޮޑު އެހީއެއް ކަން ވެސް ފާހަގަކުރެއްވި އެވެ.
"ކްލައިމެންޓް ޗޭންޖް ރާއްޖެއަށް ބޮޑު މައްސަލައަކަށް ވަނީ އެކަމުގެ ސަބަބުން ކުރިމަތިވާ ފެނުގެ މައްސަލަތަކާއި އަދި އެނޫންވެސް ކަންތަކާހުރެ. ރާއްޖޭގެ ފެން ފަށަލަ ތަޣައްޔަރުވެފައި ވަނީ ލޮނުގެ އަސަރު ކުރުމުން. ސައިންސްވެރިން ބުނެފައި ވަނީ އެކަން ވަރަށް ބޮޑަށް ގުޅިފައި ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއޭ. އެހެންވީމަ، އަޅުގަނޑުމެން އެޑަޕްޓޭޝަން ފިޔަވަޅުތައް އަޅަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ ޕްރޮޖެކްޓުގެ މައުލޫމާތު ދިއްދޫ ރައްޔިތުންނަށް ލިބިފައިވާ ކަމަށާއި އެމަނިކުފާނު މިފަހްތާތެރޭ ހިންނަވަރަށް ވަޑައިގެން ހިންނަވަރު ރައްޔިތުންނާ ވެސް އެ އުފާވެރި ހަބަރު ހިއްސާ ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެ ޕްރޮޖެކްޓްގެ ދަށުން ބޯފެނާއި ނަރުދަމާއާއި ކުނި ނައްތާލުމުގެ ނިޒާމް ގާއިމްކޮށް ނިމުމުން އެ ސިސްޓަމްތައް ބަލަހައްޓާނީ ޔުޓިލިޓީ ކުންފުނިތަކުން ކަމަށެވެ. އަދި ފޯރުކޮށްދޭ ހިދުމަތްތަކަށް ރައްޔިތުން އަގު ދައްކަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް، އެކަންކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.
ޔޫއެސް އެއިޑް އިން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، އެ މަޝްރޫއަށް އެހީ ފޯރުކޮށްދެނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް އެހީވުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި އެ ޔޫއެސް އެއިޑްއާ މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހު ސޮއިކުރި އެމްއޯޔޫއެއްގެ ގެ ދަށުންނެވެ. އަދި އެ ޕްރޮޖެކްޓު ހިންގުމަށް ބައިނަލް އަގުވާމީ ޑިވެލޮޕްމަންޓް ކުންފުންޏެއް ކަމަށްވާ، ކެމޯނިކްސް އިންޓަނޭޝަނަލްއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޔޫއެސް އެއިޑްގެ އެހީގެ ދަށުން ސުނާމީ އަށް ފަހު ދިއްދޫގައި ނަރުދަމާގެ ނިޒާމަކާއި އަދި ހިންވަރުގައި ޑީސެލިނޭޝަން ޕްލާންޓެއް ގާއިމްކޮށްފައިވެ އެވެ. އެއިން ކޮންމެ ރަށެއްގައި ގާތްގަނޑަކަށް 4000 މީހުން ދިރިއުޅެ އެވެ.